Last Updated: July 19, 18:01
Sunday, July 19, 2026
ޚަބަރު

މަޓާޓޯ އިިން އިންޑިއާގެ އަޔާޓޯއާއެކު އެއްބަސްވުމެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (އަޔާޓޯ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޢަތާއި ގާތް ގުޅުމެއް އުފެއްދުމާއި ދެފަރާތުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ޖޮއިންޓް މާކެޓިން އިނިޝިއޭޓިވްސް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއަރުވާ، ޚިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އުޞޫލުތައް ޙިއްސާކޮށް، ގުޅިގެން އިވެންޓްތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމްކުރުމުގެ އިތުރުން، ދެގައުމަށް ވެސް ފައިދާހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުޞޫލުތައް ޕްރޮމޯޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް މި އަހަރު ފެށުނު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތަށް ދިމާވުމުގެ އަސްލަކަށްވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

މިކަމާ ވިދިގެން އިންޑިއާ މީހުން ޗުއްޓީ އަށް ރާއްޖެ ދިއުން ހުއްޓާލައި، އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.