އައްޑޫގައި ތާރަ އަޅައިގެން ހަދާފައިވާ މަގުތަކުގައި ޕާކިން ޒޯން ތަކާއި ޓްރެފިކް ނިޝާންތައް ޖެހުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ގިނަބައެއްގެ ފުރާނަތައް ގެއްލެމުންދާ ،މައްސަލަ އާއި ގުޅިގެން ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ޕޮލިހުން ގުޅިގެން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ މަގުތައް ދިރާސާކޮށް ޓްރެފިކް ނިޝާން ޖެހުމާއި ހިތަދޫގެ ބޮޑުމަގާއި ގުޅިފައިވާ ރަށްތަކުގެ ބޮޑު މަގުގައި ޕާކިން ޒޯން ހެދުމަށް ބޭނުންވާ ސާމާން ހޯދުމަށް ކައުންސިލުން އިއްލާން ކޮށްފައިވާ ކަމަށެވެ.
"ޓްރެފިކް ނިޝާން ހިމެނޭ ބޯޑުތައް ހެދުމަށް މިހާރު ވަނީ އިއްލާންކޮށްފައި، އަދި މަގުތަކުގެ ޕާކިން ޒޯންތައް ކުރަހަން ބޭނުންވާ ދަވާދު ހޯދުމަށްވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުން"
ސޯބެ ވިދާޅުވީ މަގުތައް ކުރަހަން ބޭނުންވާ ދަވާދު ހޯދުމަށް އެސްޓިއޯއާއި ގުޅިގެން މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހިތަދޫގައި 90 ޕާކިން ޒޯން ހަދާއިރު، ޓްރެފިކް ބޯޑުތަކާއި، ޕާކިން ޒޯންތަކުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
އައްޑޫގެ މަގުތަކުގައި އެކްސިޑެންޓްތައް ގިނަ ވުމާއި ގުޅިގެން ފުލުހުން ހާއްސަ އިސްކަމެއްދީގެން މަގުމަތި ޕެޓްރޯލް ކުރަމުން އަންނަކަމަށް މިއަދު ވަނީ ބުނެފައެވެ.
މިމަހު މިހާތަނަށް އައްޑޫގައި ހިނގާފައިވާ ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި 3 މީހަކުވަނީ ނިޔާވެފައެވެ.