Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޗެލްސީގެ އާ ކޯޗަކަށް މަރެސްކާ

ޗެލްސީގެ އާ ކޯޗު ކަމަށް ލެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ގެންނަން މަޝްވަރާތައް ފަށައިފި އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ އެއް ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލުމާ ގުޅިގެންނެވެ.

ޕޮޗެޓީނޯގެ ބަދަލުގައި ޗެލްސީން ގެންނަން މަސައްކަތް ކުރަމުންދާ މަރެސްކާ ވަނީ މިދިޔަ ސީޒަނުގައި ލެސްޓަ ސިޓީ އަށް އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، އެ ކްލަބު އަލުން އަނބުރާ ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީފަ އެވެ. އިޓަލީ އަށް އުފަން މަރެސްކާ ވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް މީގެކުރިން މަސައްކަތްކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މަރެސްކާ ގެނައުމާ ގުޅޭގޮތުން ޗެލްސީން މިހާރު ވަނީ އޭނާއާއެކު މަޝްވަރާތައް ފަށާފަ އެވެ. އަދި ޗެލްސީގެ ކޯޗުކަމާ ހަވާލުވާން މަރެސްކާ ތައްޔާރަށް ހުރި ކަމަށާއި މަޝްވަރާތައް ނިމި، މި ހަފްތާގެ ތެރޭގައި އެ ކްލަބުގެ ކޯޗުކަމާ ރަސްމީކޮށް އޭނާ ހަވާލުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ނިންމާލީ ހަވަނައިގަ އޮވެ އެވެ. އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި އެފްއޭކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވެ އެވެ.