Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފަރެސްމާތޮޑާގައި ސިޓީ ހޮޓަލެއް އަޅަން ހަވާލުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގެ ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ ކުންފުނިން އެ ޕްރޮޖެކްޓް އިއްޔެ ހަވާލުކުރީ، ސިލްވާ ލޭންޑް ހޮޓެލްސްއާ އެވެ.

އެއްބަސްވުމުގައި އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން، އެއާޕޯޓާ އިންވެގެން އޮތް ހުސްބިމުގައި އިމާރާތްކުރާނީ 100 ކޮޓަރީގެ ހޮޓަލެކެވެ. މިކަމަށް 20 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފއިވެ އެވެ.

މި ސިޓީ ހޮޓަލުގެ ސަބަބުން ފަރެސްމާތޮޑާގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް 200 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ބުނެފައިވެ އެވެ.

މުބީން ވިދާޅުވީ، ކުރިއަށް އޮތް ސިޓީ ހޮޓެލް ޕްރޮޖެކްޓްގެ މަޝްރޫއު ތިން މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.