Last Updated: July 19, 18:01
Sunday, July 19, 2026
ޚަބަރު

ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް އެންމެ ބޮޑު ޑިވިޑެންޓެއް ދޫކުރާ ފަހަރެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ފާއިތުވި 2023 ވަނަ އަހަރަކީ އެބޭންކުން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ ގޮތުގައި 2.07 ބިލިއަން ހޯދައިފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ ބީއެމްއެލް އަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުގެ ސަބަބުން ކަމަށެވެ. ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން." ސީއީއޯ ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނީ އެ ކުންފުނީގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާ މެންބަރުންނާއި އާންމު ހިއްސަަދާރުންގެ ފަރާތުން ކަނޑައަޅާ ދެ މެންބަރުން ވެސް ހޮވާފަ އެވެ. އަދި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް އާނަސްޓް އެންޑް ޔަންގް ވަނީ ކަނޑައަޅާފަ އެވެ.