މި ފަހަކަށް އައިސް އައްޑޫގައި އެކްސިޑެންޓް ގިނަވަމުންދާތީ އެކަން ހައްލުކުރުމަށް މަގުތަކުގައި ރޯޑް ބްލޮކް ބަހައްޓައިގެން ސްޕީޑް މަޑުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ސައުތު ވިންގުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ، ފުލުހުންގެ ފަރާތުން ބެލިބެލުމުން އެކްސިޑެންޓްތައް މެދުވެރިވާން ދިމާވާ އެއް ސަބަބަކީ ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުން ކަމަށާއި އަދި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބޮޑެތި މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކަން ފާހަގަކުރެވޭ ކަމަށެވެ.
އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އައްޑޫ ޕޮލިސް ސްޓޭޝަންތަކުން ރަށުތެރެ ޕެޓްރޯލްކުރުން އިތުރުކޮށް އޮފް ޑިއުޓީގައި އުޅޭ ފުލުހުންް ބޭނުންކޮށްގެން ރަށުތެރެ ޕެޓްރޯލްކުރަމުން މިހާރު ގެންދާ ކަމަށް ވެސް އާސިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 60 ކިލޯމީޓަރު ބާރުމިނުގައި ދުއްވޭ ސަރަހައްދާއި އެއަށްވުރެ މަޑުން ދުއްވޭ ސަރަހައްދު ކަނޑައަޅާފައި ވާއިރު، އެ ސަރަހައްދު އެނގޭނެ ގޮތަކަށް ނިޝާން ނެތުމަކީ ތަހުގީގުން ފާހަގަ ކުރެވުނު މައްްސަލައެއް ކަމަށް އާސިމް ވިދާޅުވި އެވެ. އަދި ކުދި ގޯޅިތަކުން ބޮޑު މަގުތަކަށް ނިކުންނަ އުޅަނދުތައް މަޑުނުކޮށް ނުވަތަ ސިގްނަލް ނުދީ ނިކުތުމާއި ގޯޅިގޯޅި ކަންމައްޗަށް ވާގޮތަށް އުޅަނދު ޕާކްކުރުމަކީ ވެސް އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބެއް ކަމަށް އާސިމް ވިދާޅުވި އެވެ. މީގެ އިތުރުން ގޯޅިން އަޅާ އުޅަނދަށް ދަތިވާގޮތަށް މަގުމަތީގައި ޑަބަލް ޕާކިންކޮށްފައި ބެހެއްޓުމަކީ އެކްސިޑެންޓް ހިނގަން މެދުވެރިވާ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.
ތަހުގީގުން ފާހަގަކުރެވުނު އަނެއް ކަމަކީ އާސިމް ވިދާޅުވި ގޮތުގައި، ލައިސަންސް ނެތި އުމުރު ހަމަނުވާ ކުދިން އުޅަނދު ދުއްވުމެވެ. އަދި އައްޑޫ ސިޓީގެ މަގުތަކުގައި ޖަހާފައިވާ ބައެއް ލައިޓްތައް ނުދިއްލުމުމާއި، ބައެއް ސަރަހައްދުތަކުގައި އެންމެ އެކަށީގެންވާ އަލި ހުންނަ ލައިޓް ނެތުމަކީ ވެސް ފާހަގަ ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ.
މިކަންތައް ހައްލުކުރުމަށް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އާސިމް ފާހަގަކުރެއްވި އެވެ. އެގޮތުން އިތުރު ޕާކިން ޒޯންތަކެއް ކުރެހުމާއި ޓްރެފިކް ސައިންތައް ބޭނުންވާ ސަރަހައްދުތަކުގައި އެ ސައިންތައް ބެހެއްޓުމާއި ސްޕީޑް ބްރޭކަރު ހަދަންޖެހޭ ތަންތަން ފާހަގަކޮށް އެ މަސައްކަތް ފަށަން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަޝްވަރާ ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
ފާއިތުވި މަހެއް ހާ ދުވަސް ތެރޭގައި އައްޑޫގައި ހިނގާފައިވާ ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި 3 މީހަކުވަނީ ނިޔާވެފައެވެ.