Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުޅުލޭ ޑޮމެސްޓިކް ޓާމިނަލު ތެރެއިން އައްޑޫ ޒުވާނަކަށް ހަމަލާދީފި

އައްޑޫ ސިޓީން މާލެ އައި ޒުވާނަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ތެރޭގައި ގްރޫޕަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މާރާމާރީ ހިންގި އިރު އެއަރޕޯޓުގައި ހުރި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ޑޮމެސްޓިކް އެއަރޕޯޓްގެ ލަގެޖް އޭރިއާގައި ލަގެޖް ނެގުމަށް މަޑުކޮށްގެން ހުރި ޒުވާނާ އަށް ހަމަލާދީފައި ވަނީ 4 މީހުން ހިމެނޭ ގްރޫޕަކުން ކަމަށާއި އަދި ހަމަލާދިނުމުގެ ސަބަބުން އެ ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ފްލައިމީގެ ފްލައިޓަކުން އައި ޒުވާނާއަށް ގޭންގް ގްރޫޕަކުން ހަމަލާދިން އިރު އެއަރޕޯޓްގެ ސެކިއުރިޓީން ވެސް ތިބި ކަމަށް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓާރމިނަލްގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެ މައްސަލަ ތަހުޤީގް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.