Last Updated: July 18, 17:34
Sunday, July 19, 2026
ޚަބަރު

ފަންނުވެރިންގެ އުފެއްދުންތަކަށް ރޯޔަލްޓީ ލިބެން ޖެހޭ

ރާއްޖޭގެ ފަންނާނުން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ޓީވީތަކާއި ރޭޑިއޯތަކުން ބޭނުން ކުރާ ނަމަ، އެ ތަކެތި އުފެއްދި ފަންނާނުންނަށް ރޯޔަލްޓީއެއް ލިބޭ ގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ބުނެފި އެވެ.

ޓީވީއެމްގެ "މޯލްޑިވިއަން އައިޑޮލް" އިން ވިދި ފަންނާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ބުނީ ރާއްޖެ އިން ބޭރުގައި ވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އެހެންވެ މިއީ ފަންނާނުންގެ ކުރިއެރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް ޝަލަބީ ބުންޏެވެ.

"ޓީވީ އަދި ރޭޑިއޯ އިން އަޅުގަނޑުމެން ފަންނުވެރިން ހަދާފައި ހުންނަ އޯޑިއޯ/ވީޑިއޯ ބޭނުން ކުރާ ނަމަ ކޮންމެ ޕްލޭއަކަށް ފަސް ރުފިޔާ ނުވަތަ ކަނޑައެޅިފައި އޮންނަ އަގަކުން ރޯޔަލްޓީ ނަގަން އެބަޖެހޭ،" އޭނަ ބުންޏެވެ. "އަދި އެހެނިހެން ކޮމާޝަލް ބޭނުންތަކަށް ވެސް ބޭނުންކުރާ ނަމަވެސް ރޯޔަލްޓީ ލިބެން ޖެހޭ."

ޝަލަބީ ބުނީ މިކަން މި ގޮތަށް ނުކުރެވޭ ނަމަ ފަންނުވެރިން ކުރިއެއް ނާރާނެ ކަމަށެވެ.

"ހިލޭ ސާބަހަށް ފަންނުވެރިންގެ މަސައްކަތްތައް ދައްކާ ދެއްކުން ނިމުމަކަށް ގެންނަންވެއްޖެ." އޭނަ ބުންޏެވެ.