Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

އެންގުމަކާ ނުލައި ކަރަންޓް ކަނޑަން ފެށުމުން އައްޑޫ ހުއްޓުމަކަށް!

ފެނަކަ ހިތަދޫ ސޭލްސް ސެންތަރު ހުޅުވުމުގެ ތެރެއިން؛ ފޮޓޯ: ކިއުންތެރިއެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކުރިން އެންގުމަކާއި ނުލައި ކަރަންޓް ކަނޑަން ފެށުމުން އޮފީސްތަކުގެ މަސައްކަތްތަކާއި ސްކޫލްތަކުގެ ކިޔެވުމާއި ވިޔަފާރި އަށް ބުރޫ އަރާފައިވާއިރު އާންމު އަދި ސިނާއީ މަސައްކަތްތައް ހުއްޓި އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އެބަދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން މަރަދޫ ފޭދޫ އިން 8 ފަހަރަކު ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. މީގެ އިތުރުން މަރަދޫ އަދި ފޭދޫ އިން ވެސް ދޭތެރެއަކުން ކަރަންޓު ކެނޑެމުން ދާއިރު އޭގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކު ވަމުންދާތީ ރައްޔިތުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައްޑޫ ސިޓީގެ އެންމެ އާބަދި ބޮޑު އަވަށް ކަމުގައިވާ ހިތަދޫގެ ބައެއް ސަރަހައްދުތަކުން ވެސް މިއަދު ހެނދުނު 9 ޖެހި އިރު ކަރަންޓު ކެނޑިގެން ދިޔަ ގޮތަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމަށް ވެއެވެ.

ހިތަދޫ އިން 'އައްޑޫލައިވް' އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ކުރިން އެންގުމަކާއި ނުލައި ދޭތެރަައަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވެ، ވިޔަފާރިވެރިންނާއި އެހެން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"އަހަރުމެންގެ ގޭގެ ޓީވީ އެހެރީ ހަލާކު ވެފައި. ހެޔޮ ނުވާނެ އެހެން ހަދާކަށް. ކަނޑާލަންޖެހޭނީ ބުނެފައި. މި ގޭގެ އެކަންޏެއް ނޫން ބައެއް ފިހާރަތަކުގެ މީހުން އެތިބީ އައިސް އަލަމާރިތައް ހަލާކުވެގެން ބޯގޮވާފައި" އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހަށް ގުޅައިގެން މައުލޫމާތު ހޯދަން މަސައްކަތް ކުރި ނަމަވެސް އެފަރާތުން ފޯނަށް ޖަވާބު ނުދޭތީ ވެގެން އުޅޭ ގޮތެއް ސާފުވާގޮތް ވަނީ ނުވެފައެވެ.