އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ކަވާނީ ،37، ބުނީ ގައުމީ ޓީމުގައި ހޭދަކުރި މުއްދަތުގައި ދިން ހުރިހާ ފިލާވަޅުތަކަށް ޝުކުރު އަދާކުރާ ކަމަށާއި އަދި އޭނާ އަށް އެހީތެރިވި ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ. ފުޓްބޯޅައިގެ މައިދާނުގައި އުރުގުއޭ ތަމްސީލުކުރަން ލިބުނު ފުރުސަތަށް އަބަދުވެސް އުފާކުރާނެ ކަމަށް ކަވާނީ ބުންޏެވެ.
ކަވާނީ ވަނީ އުރުގުއޭ ޓީމަށް ކުޅެދިން 136 މެޗުގައި 58 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ކަވާނީ އަކީ އުރުގުއޭ ޓީމަށް ދެވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ. އުރުގުއޭ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ލުއިސް ސުއަރޭޒް އެވެ. އެއީ 68 ގޯލެވެ.
ކަވާނީ ވަނީ 2011 ވަނަ އަހަރު ކޮޕަ އެމެރިކާ އުރުގުއޭއާ އެކު ކާމިޔާބުކޮށްފަ އެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕަށްފަހު ކަވާނީ ގައުމީ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެ އެވެ.
އާޖެންޓީނާގެ ބޮކަ ޖޫނިއާސް މިހާރު ކުޅެމުން އަންނަ ކަވާނީ ވަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އަދި ނަޕޯލީ ފަދަ ކްލަބުތަކަށް ކުޅެފަ އެވެ.