މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ވެސް އަޅުކަމެއް ކަމަށާއި އެއީ ސަވާބު ލިބޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މިސްކިތްތައް ސާފުކުރުމަކީ މާތް ކަމެއް ކަމަށާއި އެއީ މާތްﷲ ގެ ގެކޮޅުކަން ދަނެ، މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުކަމެއް ކަމަށެވެ.
"ސަވާބާއި ދަރުމަ ލިބޭ ކަމެއް އެކަމަކީ. ހަމައެކަނި ވަޒީފާއެއް ނޫން އެއީކީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ވަޒީފާ އަދާކުރުމަށްޓަކާ އުޖޫރައެއް ހޯދުމަކީ ދުނިޔަވީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި އެ މަސްއޫލިއްޔަތުގައި އިހުލާސްތެރިވުމާއި، އެކަމުގައި މާތްﷲ ގެ ހަޒްރަތުން ސަވާބާއި ދަރުމަ އެދިގެން އެކަމެއް ކުރުމަކީ މަސްއޫލިއްޔަތު އިތުރަށް ފުރިހަމަ ވާނެ ކަމެއް ކަމަށެވެ. އެމީހަކަށް އެކަމުގެ ސަބަބުން މާތްﷲ ބަރަކާތް ލައްވާނެ ގޮތެއް ނޭނގޭނެ ކަމަށާއި އެގޮތުން އެމީހާގެ ވަގުތުގައި ބަރަކާތް ލައްވައި، އެމީހާ އަށް މިސްކިތަށް އަންނަ މީހުންގެ ހެޔޮ ދުއާ ލިބޭނެކަން ފާހަގަކުރެއްވި އެވެ.
"މާތްﷲ ގެ ހަޒްރަތުން އެމީހާއަށް އަންނާނެ ރަހުމަތާއި، އެކަލާނގެ ތަނަވަސް އޯގާވަންތަކަން މާތްﷲ ގެ ގެކޮޅު ސާފުތާހިރުކޮށް އެމީހާ ބަލަހައްޓާތީވެ،" ޝަހީމް ވިދާޅުވި އެވެ.
ދިވެހިންނަކީ އަބަދުވެސް މިސްކިތްތަކަށް ގަދަރު ކުރާ ބައެއް ކަމަށާއި މިސްކިތްތަައް ބެލެހެއްޓުމުގެ ކަންކަމަށް ދިވެހިން ފައި ނެގުމަކީ އުފާކުރައްވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިނިސްޓްރީގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ޝަހީމް އެރުވި އެވެ.