Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އެންމެ މޮޅު ކުޅުންތެރި އަކީ މިހާރު ވިނީޝަސް

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ފޯވާޑް ވިނީޝަސް ޖޫނިއާ ކަމަށް އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ބުނެފި އެވެ.

ރެއާލް މެޑްރިޑުން ރޭ ބްރޫޝިއާ ޑޯޓްމަންޑް 2-0 އިން ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގު 15 ވަނަ ފަހަރަށް ވަނީ ހޯދާފަ އެވެ. ރޭގެ ފައިނަލްގައި މެޗުގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދެއްކި ވިނީޝަސް އެވެ.

ވިނީޝަސް އަށް ތައުރީފު ކުރަމުން އޮންރީ ބުނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ވިނީޝަސް ކަމަށާއި ނަމަވެސް ބެލޮންޑިއޯ އެވޯޑް ލިބޭނެ ކުޅުންތެރިއެއް ކަނޑައެޅިގެން ދާނީ ކޮޕަ އެމެރިކާ އަދި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ކަމަށެވެ.

"އެކަމަކު މިވަގުތު ވިނީޝަސް އުޅެނީ އެހެން ކުޅުންތެރިންނަށް ވުރެ ކުރީގައި،" އޮންރީ ވިދާޅުވި އެވެ.

ވިނީޝަސް ،23، ވަނީ މި ސީޒަނުގައި ރެއާލަށް ކުޅެދިން 39 މެޗުގައި 24 ގޯލު ކާމިޔާބުކޮށް 11 އެސިސްޓް ހަދައިފަ އެވެ.

ރެއާލުން މިފަހަރުގެ ސީޒަން ނިންމާލީ ތިން ތައްޓާއެކު އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ރެއާލުން ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.