ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖޭން ސައުދީ އަރަބިއްޔާއަށް ދާ ހައްޖުވެރިންގެ ދެވަނަ ގްރޫޕު މިއަދު ފުރައިފި އެވެ.
ހައްޖާޖީންގެ ފުރަތަމް ގްރޫޕް މިދިޔަ ހުކުރު ދުވަހު ވަނީ ސައުދީ އަށް ގޮސްފަ އެވެ. އެ ގްރޫޕްގައި ޖުމްލަ 298 ހައްޖާޖީން ގޮސްފައިވެ އެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ފުރީ 355 ހައްޖާޖީންނާއެކު އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މި އަހަރުގެ ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ހާއްސަކޮށް، ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދަން ނިންމައިފަ އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަހެވެ.