ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލޭގައި އިމާރާތްކުރާ "ސަނާބިލް" އިމާރާތަށް އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ސުކޫކް ވިއްކައިގެން ފައިސާ ހޯދަން ހުޅުވާލައިފި އެވެ.
އެކަން ފެށުމަށްޓަކައި އިއްޔެ އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އައިޔޫއެމްގެ މި ޕްރޮޖެކްޓަށް ސުކޫކު ލިސްޓު ކުރުމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ވަނީ ދީފަ އެވެ. އެގޮތުން އިއްޔެ ދޫކޮށްފައި ވަނީ އެއް މިލިޔަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ. މި ސުކޫކްތައް އިޝޫކޮށްގެން 60 މިލިޔަން ރުފިޔާ ހޯދަން ވަނީ ނިންމައިފަ އެވެ.
މި ސުކޫކަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސުކޫކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ލީޑް މެނޭޖަރަކީ ރާއްޖޭގެ ވޯޓާކްރެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ. މިހާރު ވެސް މި ސޫކުކަށް އިންވެސްޓް ކުރުމަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް ވާހަކަ ދައްކަމުންދާ ކަމަށް އައިޔޫއެމް އިން ބުންޏެވެ.
"ސަނާބިލް" އިމާރާތަކީ ބުރި އަށް ހަދާ އިމާރާތެކެވެ. އެތަނަކީ ސްޓޭޓް-އޮފް-ދި އާޓް ފެސިލިޓީތައް ހިމެނޭ ތަނެކެވެ. އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތަކާއި އަދި އޮފީސް ޖާގަތައް ވެސް ހިމެނޭނެ އެވެ. މި ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށް އައިޔޫއެމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ކަމަށް އައިޔޫއެމުން ބުންޏެވެ.