ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ޓެނިސްކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްވިޓްޒަލޭންގެ ޓެނިސް ލެޖެންޑް، ރޮޖާ ފެޑެރާގެ ޑޮކިއުމަންޓަރީ "ފެޑެރާ: ދަ ޓްވެލްވް ފައިނަލް ޑޭސް" މި މަހުގެ 20 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
އެމެޒޯން އަށް މި ދޫކޮށްލުމުގެ ކުރިން މި މަހުގެ 13 ގައި ބައެއް ސިނަމާތަކުގައި ދައްކަން ވެސް ހަމަޖެހިފައިވެ އެވެ. އޭގެ ކުރިން މި މަހުގެ 10 ގައި އެމެރިކާގެ ނިއު ޔޯކްގްއި ފަށާ މި އަހަރުގެ ޓްރައިބެކާ ފިލްމު ފެސްޓިވަލްގައި ވެސް ޑޮކިއުމަންޓަރީ ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.
ކުޅިވަރަށް ލޯބިކުރާ ވަަރަށް ގިނަ ބަޔަކު މި ޑޮކިއުމަންޓަރީ އަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ފެޑެރާ: ދަ ޓްވެލްވް ފައިނަލް ޑޭސް" ޑައިރެކްޓްކުރީ ޑޮކިއުމަންޓްރީތަކެއް ހަދައިގެން އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ އާސިފް ކަޕާޑިއާގެ އިތުރުން ޖޯއީ ސާބިއާ އެވެ.
ދެހާސް ބާވީހުގައި ޓެނިހުން ރިޓަޔަކޮށްފައިވާ ފެޑެރާ، 42، ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފެށީ އުމުރުން 16 އަހަރުގަ އެވެ. އޭނަގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރީ 2003 ވަނަ އަހަރު އެވެ. ފެޑެރާ ވަނީ އޭނާގެ ކެރިއަރުގައި ޖުމްލަ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.