Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

ޝަރުވާރީގެ ފެވަރިޓަކީ އާލިއާ

މިހާރު އެންމެ ކަމުދާ ބަތަލާ އަކީ އާލިއާ ބަޓް ކަމަށާއި އޭނައަ އެކީ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް އަރަމުން އަންނަ ޒުވާން ބަތަލާ ޝަރުވާރީ ވާގް ބުނެފި އެވެ.

ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ތައާރަފުވި 27 އަހަރުގެ ބަތަލާ އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އާލިއާއާ އެކީ ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ.

އެހެންވެ އޭގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައި ހުރި ކަމަށް ޝަރުވާރީ ބުންޏެވެ.

އޭނަ އާއި އާލިއާ އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ބަތަލާއިން ލީޑްކުރާ ފުރަތަމަ ފިލްމެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރާ މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމުގެ ގޮތުން، ދެ ތަރިން އަންނަނީ އެކްޝަން ރޯލުތަކެއް ކުޅެން ހަށިގަނޑު ވެސް ފިޓްކުރަމުންނެވެ.

"ވަރަށް އުފާވެފައި މި ހުންނަނީ ފެވަރިޓް ބަތަލާއާ އެކީ މަސައްކަތް ކުރަން ފުރުސަތެއް ލިބުނީތީ." މާދަމާ ރިލީޒްކުރާ ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ކާސްޓްގައި ވެސް ހިމެނޭ ޝަރުވާރީ ބުންޏެވެ.

އާލިއާ އާއި ޝަރުވާރީގެ ފިލްމަކީ ޝިވް ރާވައިލް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

މި މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "މަހާރާޖް" ގައި ވެސް ރޯލެއް ކުޅެފައިވާ ޝަރުވާރީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ "ވޭދާ" ވެސް ހިމެނެ އެވެ. މި އެކްޝަން ޑްރާމާ އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ގެންނާނެ އެވެ.