Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަޖިލީހުގެ ރައީސް މާދަމާ އުފަން ރަށަށް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާދަމާ އުފަން ރަށް، ފޮނަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަޖިލީހުގައި ފޮނަދޫ ދާއިރާ ވެސް ތަމްސީލުކުރައްވާ އަދުރޭ، މާދަމާ އެ ރަށަށް ވަޑައިގަންނަވަނީ އާއިލީ ދަތުރެއްގަ އެވެ. މިއީ މިދިޔަ މަހުގެ 28 ގައި މެންބަރުކަމުގެ ހުވާކުރެއްވި ފަހުން އޭނަ އުފަން ރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކުރިން ވެސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަދުރޭ 20 ވަނަ މަޖިލީހަށް އަލުން އިންތިހާބުވުމާ ގުޅިގެން އެކަން ވަރަށް ކުލަގަދަކޮށް، ފޮނަދޫ ދާއިރާގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަދުރޭ އަކީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ބައްޕަ އެވެ. މި ހަފުތާގައި އަދުރޭ ދަރިކަނބަލުން މަރިޔަމް ސާޖިދާ ވަނީ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފަ އެވެ.