Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އައިސްލެންޑް އަތުން އިންގްލެންޑް ބަލިވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުން ރޭ ކުޅުނު ފަހު މެޗުން އައިސްލެންޑް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އައިސްލެންޑަށް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯސްޓެއިންސަން އެވެ. އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

ނަތީޖާ އެއްވަރުކޮށްލަން މި މެޗުގައި އިންގްލެންޑަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އެންތޮނީ ގޯޑަން އާއި ކެޕްޓަން ހެރީ ކޭން އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު ދެވަނަ ހާފުގައި ފިލް ފޮޑެން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުން މިދިޔަ ހަފްތާގައި ވެސް މެޗެއް ކުޅުނެވެ. ބޮސްނިޔާއާ ދެކޮޅަށް ކުޅުނު އެ މެޗު އިންގްލެންޑުން ވަނީ 3-0 އިން ކާމިޔާބުކޮށްފަ އެވެ.

މި މަހުގެ 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ލައްވާލާފައިވަނީ ސްލޮވީނިއާ އާއި ޑެންމާކުގެ އިތުރުން ސާބިޔާއާއެކު ގްރޫޕް ސީ ގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑް ނިކުންނާނީ ސާބިޔާއާ ދެކޮޅަށެވެ.