މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާ އަށް ދެވިއްޖެ އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ހާއްސަކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އިއްޔެ ފުރި ހައްޖުވެރިން މިއަދު ސައުދީއަށް އާދެވިފައިވާ ކަމަށާއި އެއާއެކު މި އަހަރު ސައުދީން ދިން 1،000 ކޯޓާގައި ހައްޖަށް ދާ ހުރިހާ ހައްޖުވެރިން އެ ގައުމަށް ގެނެވިފައިވާ ކަމަށެވެ. ހައްޖުވެރިން ސައުދީ އަށް ގެންނަން ހިންގުނީ ވަރަށް ބޮޑު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
"މައްސަލައެއް ދިމާނުވެ މި އޮޕަރޭޝަން ކާމިޔާބުކަމާއި އެކުގައި ނިންމާލެވުމުން އުފާ ކުރަމެވެ. މިކަމުގައި ޙައްޖުކޯޕަރޭޝަންގެ މުވައްޒަފުން އަދި ޙައްޖުގެ އެހީތެރިން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރަމެވެ،" އެ ކޯޕަރޭޝަނުން ބުނެ އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.