Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އެއްވެސް ފަރާތަކަށް ހައްޖު ކިއުއަށް ނުފޫޒު ނުފޯރުވޭނެ

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

އެއްވެސް ފަރާތަކަށް ހައްޖު ކިއުއަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފަގީރުންގެ ލިސްޓުގައި ނުހިމެނޭ މީހަކަށް ވެސް ޖާގަ ލިބިފައިވާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށެވެ.

މި އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީން ވެސް މައްކާއަށް ގޮސްފައިވާ ކަމަށާއި އަދި ހުރިހާ ހައްޖާޖީންވެސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާ ކަމަށް ޝަކީލު ވިދާޅުވި އެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ހާއްސަކޮށްފަ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.