ބައެއް ޝޭހުން ދައްކާ ފިތުނަވެރި ވާހަކަތަކުގެ ސަބަބުން އިސްލާމީ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑާއި ގުޅޭގޮތުން ބައެއް ޝޭހުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ބައެއް ޝޭހުންގެ ފިތުނަވެރި ފަތުވާތަކުގެ ސަބަބުން ހަރުދަނާ ކަމާއެކު ހިންގަމުންދާ ރާއްޖޭގެ އިސްލާމީ މުއައްސަސާތަކުގެ އިތުބާރު ނަގާލެވޭ ކަމަށާއި ރާއްޖޭގެ މޯލްޑިވްސް ޒަކާތު ހައުސްގެ ޕޭޖް ބަލާލުމުން އެތަނުން ކުރަމުންދާ މަސައްކަތް އެނގޭނެ ކަމަށެވެ.
"ޒަަކާތުގެ އެންމެ ލޯ ލާރިއެއްވެސް މިނިސްޓަރު ނުވަތަ އިސްލާމިކް މިނިސްޓްރީން ބޭނުންވާ ގޮތަކަށް ހަރަދެއް ނުކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ކައުންސިލެއް އޮންނަ ކަމަށާއި އެއީ ސަރުކާރުގެ މާލީ މުއައްސަސާތައް ހިމެނޭ ގޮތަށް އުފެދިފައި އޮންނަ ކައުންސިލެއް ކަމަށެވެ.
"އެތަންތަނުން މަންދޫބުން ތިބޭ. ހުރިހާ ކަމެއް އެތަނުން ފާސްވެގެން ނޫނީ އެއްވެސް ހަރަދެއް ނުކުރާނެ. ޒަކާތު ހައުސް އަކީ ދިވެހިން ފަހުރުވެރިވާނެ އިދާރާއެއް،" ވަޒީރު ވިދާޅުވި އެވެ.