Last Updated: July 18, 17:45
Sunday, July 19, 2026
ޚަބަރު

އައްޑޫގައި ގާމެންޓް ފެކްޓްރީ ހަދަން ބިން ދޫކޮށްފި

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ހަދަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) އަށް ބިން ދޫކޮށްފި އެވެ.

ގާމެންޓް ފެކްޓަރީ ގާއިމުކުރަން އައްޑޫ ސިޓީ ކައުންސިލުން ބީސީސީ އަށް މިއަދު ކުއްޔަށް ބިމެއް ދޫކޮށްފައިވާއިރު، އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ނިންމި ވާހަކަ ބީސީސީން އިއުލާންކުރީ 2020 ގަ އެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އައްޑޫ ގާމެންޓް ފެކްޓްރީއަކީ ސަގާފީ ދިވެހި ހެދުންތަކަށާއި އަންނައުނަށް ޓޫރިޒަމް ސިނާއަތުގައި އޮތް ޑިމާންޑަށް ބޭނުންވާ މުދާ ފޯރުކޮށްދޭން ބީސީސީ އިން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ.

އައްޑު އަކީ ކުރިން ވަރަށް ފުޅާކޮށް ގާމެންޓް ފެކްޓްރީ ހިންގި ތަނެކެވެ. އެގޮތުން ސްރީ ލަންކާގެ ކުންފުނިތަކަކުން އަހަރުތަކެއް ވަންދެން ގަމުގައި ފެކްޓަރީތަކެއް ހިންގި އެވެ. އޭގެ އޭގެ ސަބަބުން އޭރު އައްޑުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ.