Last Updated: June 17, 13:57
Wednesday, June 17, 2026
ޚަބަރު

އިންޑިއާއާއެކު ހެދި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ ބަލަނީ

ކުރީ ސަރުކާރުން އިންޑިއާއާއެކު ހެދި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމައިފި އެވެ.

މިމައްސަލަތައް ބަލަން އެދި ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ. ކޮމިޓީއަށް އަޒާން ހުށަހެޅުއްވީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް އޭރުގެ ސަރުކާރާއި އެކި އިދާރާތަކުގެ އިސްވެރިން އަމަލުކޮށްފައިވާތީ އެކަންކަން ހިނގާދިޔަ ގޮތް ބެލުމަށް ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށެވެ.

އަދި އެ އިންކުއަރީ ކުރިއަށް ދާނެ ގޮތް ރޭވުމަށް ހަތަރު މެންބަރުންގެ ސަބް ކޮމެޓީއެއް ނެގުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އަޒާން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ އިތުރުން ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާ ގުޅުންހުރި ކަންކަމާއި ހައިޑްރޯގްރަފީ އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ހުށަހެޅުމުން އޭރު ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށާއި މިދިޔަ ސަރުކާރުން ސޮއިކުރުމުގައި އެމްއެންޑީއެފްގެ ވިސްނުން ފަހުން ބަދަލުވިގޮތް ބެލުން ހިމެނެ އެވެ.

މީގެ އިތުރުން، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭން އަމަލު ކޮށްފައިވާ ގޮތް ބަލަން ވެސް ހުށަހަޅުއްވާފަ އެވެ.

ދެ މެންބަރުން ހުށަހެޅުއްވި ކަންކަން ބެލުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ހަތަރު މެންބަރުން ހިމެނޭހެން ސަބް ކޮމެޓީއެއް އެކުލަވާލަން ވެސް ވަނީ ނިންމައިފަ އެވެ. ސަބް ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ:

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު