ހައްޖަކީ ބައެއްގެ އަޅުކަމާއި ގުޅުން ހުރި ކަމެއް ކަމަށާއި މިކަމާ ގުޅޭގޮތުން ސިޔާސީ ގޮތުން ވާހަކަ ނުދައްކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައިފި އެވެ.
ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ފަގީރުންގެ ގައުމީ ދަފްތަރުގެ ތެރެއިން ގުރުއަތުން ހޮވާލެވުނު 50 ފަރާތެއް ހައްޖަށް ގެންދާތީ ވެސް ތަފާތު އެކި ވާހަކަތައް ދެކެވެމުންދާ ކަމަށާއި ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ފޮނުވުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން، މިކަމުގެ ގަދަރުކުޑަކޮށްލައި މިކަމާ ބެހޭގޮތުން ސިޔާސީ ގޮތުން ވާހަކަ ނުދެއްކުމަށް ވަރަށް އަދަބުވެރިކަމާ އެކީ އެދިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ސަބަބަކީ މިއީ ބައެއްގެ އަޅުކަމާ ގުޅޭ ކަމެއް. އަޅުކަން ކުރަން ގޮސްފައި ތިބި ފަރާތްތަކާއި، އެމީހުންގެ އާއިލާތަކަށް އެ ލިބިފައި އޮތް އުފާވެރިކަން ނިގުޅައިގަތުމަށް އަޅުގަނޑުމެން މަސައްކަތްކޮށްގެން ނުވާނެ،" ޝަހީމް ވިދާޅުވި އެވެ.
ފަގީރުންގެ ދަފްތަރުން ހޮވާލެވުނު 50 ފަރާތެއް ހައްޖަށް ގެންދާތީ ބައެއް އިލްމުވެރިން ދެއްވާ ފަތުވާތަކުގެ ސަބަބުން ހައްޖުވެރިންގެ ހިތުގައި ޝައްކުތައް އުފެދި، އެކަމާ ދެރަވެ ސައުދީގައި ތިބި ދިވެހި ދީނީ އިލްމުވެރިންނާ ސުވާލުތައް ކުރަމުންދާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ހައްޖަށް މީހުން ގެންދިޔުމުގައި އިންސާފުން ބޭރުން ހިނގާ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ހާޖީންގެ އުފާވެރިކަމަށް ދަތިވާ ކަމެއް ނުކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.