Last Updated: July 18, 17:45
Sunday, July 19, 2026
ޚަބަރު

މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް އިން ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މާފުށި ބްރާންޗުގައި އަލަށް ބެހެއްޓުނު މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. މިއީ މާލެ އިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޑޮލަރު އޭޓީއެމް އެވެ. މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކް އަށް އިތުރުވެގެންދާ އެޓީއެމްއެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށާއި އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން ތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން ކަމަށެވެ.

ބީއެމްއެލް އިން ދާދި ފަހުންވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފަ އެވެ. މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެ އެވެ.