Last Updated: June 25, 18:19
Tuesday, June 25, 2024
މުނިފޫހިފިލުވުން

"މިރުޒާޕޫރް 3" ޖުލައި 5 ގައި

އެމެޒޯން ޕްރައިން ވީޑިއޯ އިން ގެނެސްދީގެން ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އިންޑިއާގެ ވެބް ސީރީޒް "މިރުޒާޕޫރް" ގެ ތިން ވަނަ ސީޒަން އަންނަ މަހުގެ 5 ގައި ޕްރީމިއާ ކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

ތިން ވަނަ ބައިގައި ވާނެ ގޮތުގެ ހުލާސާއަކާ އެކީ ގެނެސްދިން ޓީޒާއަކާ އެކީ، ޕްރީމިއާ ކުރާ ތާރިހު އިއުލާންކުރުމާ އެކީ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކުރީގެ ދެ ސީޒަނަށް ވުރެ ތިން ވަނަ ސީޒަން ޝައުގުވެރިވާނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް ކުރީގެ ދެ ސީޒަންގައި ޕޫލަންޗަންތު ޓްރިޕަތީ (މުންނާ) ގެ ރޯލު ކުޅުނު އެކްޓަރު ދިވްޔެންޑޫގެ އެއްވެސް ހިލަމެއް ތިން ވަނަ ސީޒަންގެ ޓީޒާގައި ނެތުމުން އެކަމުގެ މާޔޫސްކަން ބައެއް މީހުން ފާޅުކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "މިރުޒާޕޫރް 3" ގެ ކާސްޓްގައި އޭނަ މި ފަހަރަކު ނުހިމެނެ އެވެ.

މި ކްރައިމް/ތުރިލާ/އެކްޝަން ޖޯންރާގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޕަންކަޖް ޓްރިޕަތީ އާއި އަލީ ފަޒަލް އާއި ޝްރިޔާ ޕިލްގާއޯންކަރްގެ އިތުރުން ރާސިކާ ޑުއްގަލް އެވެ.

"މިރުޒާޕޫރް" އަކީ ފަރުހާން އަޚްތަރާއި ރިދޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ގެނެސްދޭ އެއްޗެކެވެ. މީގެ ޑައިރެކްޓަރުންނަކީ ކަރަން އަންޝުމަން އާއި ގުރްމީތު ސިންގުގެ އިތުރުން މިހިރު ދެސާއީ އެވެ.

"މިރުޒާޕޫރް" ގެ ފުރަތަމަ ދެ ސީޒަންގައި 19 އެޕިސޯޑް ގެނެސްދީފައިވެ އެވެ. ފުރަތަމަ ސީޒަން 2018 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ.