Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޓެންހާގް ވަކިނުކުރަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑް ކޯޗުގެ މަގާމުގައި އެރިކް ޓެންހާގް ބަހައްޓަން އެ ކްލަބުގެ ބޯޑުން ނިންމައިފި އެވެ.

ޔުނައިޓެޑުގެ ބޯޑުން މިގޮތަށް ނިންމީ މިދިޔަ ސީޒަން ކުރިއަށްދިޔަ ގޮތާއި މެދު ރިވިއުއެއް ހެދުމަށްފަހު އެވެ. މިދިޔަ ސީޒަން ޔުނައިޓެޑުން ނިންމާލީ ޕްރިމިއާ ލީގުގެ 8 ވަނައިގައި އޮވެ ކަމަށްވާއިރު އެޓީމުން ވަނީ މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

މީޑީއާ ރިޕޯޓުތައް ބުނާގޮތުން ޓެންހާގް ވަކިނުކުރަން ނިންމުމުގެ އިތުރަށް، ޔުނައިޓެޑުގެ ބޯޑުން މިހާރު ވަނީ ޓެންހާގްއާއެކު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ވެސް ފަށާފަ އެވެ.

ޓެންހާގް ،54، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. ޓެންހާގްގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑުން ވަނީ ޕްރިމިއާ ލީގުގެ ތިންވަނަ ހޯދައި، އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ ދަށް ނަތީޖާތަކެކެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް އެޓީމު ކެޓިއިރު، ޕްރިމިއާ ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެ، 14 މެޗުން ވަނީ ބަލިވެފަ އެވެ.