Last Updated: June 12, 17:57
Friday, June 12, 2026
ސިއްހަތު

ޖުމްހޫރީ މޭވާ: ލޮލުގެ ފެނުން ރަނގަޅުކޮށްދޭ!

ޕެޝަން ފުރުޓް ނުވަތަ ޖުމްހޫރީ މޭވާއަކީ ރާއްޖޭގައި ވެސް އާންމުކޮށް ހައްދާ މޭވާއެކެވެ. މި މޭވާއަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަސޭހަކަމާ އެކު ލިބޭ މޭވާއެކެވެ. އެހެންވެ މިއީ ދިވެހިންނާ ރައްޓެހި، ދިވެހިން ފަނި ގިރުމަށް ބޭނުން ކުރާ މޭވާތަކުގެ ތެރޭގައި ހިމެނޭ އާންމު މޭވާއެކެވެ.

ހުތްފޮނި ރަހައެއްދޭ ޖުމްހޫރީ މޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި މީރު މޭވާ އެކެވެ. އެ މޭވާގައި ވިޓަމިން އޭ ހުރުމުގެ ސަބަބުން، އެ ބޭނުން ކުރުމުން ހަށިގަނޑުގެ ހަންފަށަލަ އާއި އެތެރެހަށީގެ ޓިޝޫތަކުގައި ހުންނަ ތެތް ދުލިފަށަލަތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރި ވެދެ އެވެ.

ޖުމްހޫރީ މޭވާގައި ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވެ އެވެ. ވިޓަމިން އޭ އާއި ތަފާތު ކެރޮޓިނޮއިޑްތައް އަދި ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ ބީޓާ ކެރޮޓީން އަދި ކްރިޕްޓޯޒެންތިން ބީ ހުރެ އެވެ. މި މާއްދާތައް ހުރުމަކީ މި މޭވާ ބޭނުންކުރުމުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އަދި ވަކިން ހާއްސަކޮށް، ރޭގަނޑު ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މޭވާއެއްގެ ގޮތުގައި ޖުމްހޫރީ މޭވާ ފާހަގަ ކުރެވެ އެވެ. މީގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ ވިޓަމިން އޭ އަށް ބަދަލުވާ އެއްޗެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލިދުލީ ގެ ތެރޭގައި ރޭގަނޑުގެ ފެނުމަށް ބޭނުންވާ ޕިގްމެންޓް "ރޮޑަޕްސިން" އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން އަކީ ލޯފުސްވުން އަދި އުމުރުން ދުވަސްވުމުން ލޮލަށް ނުފެނުމުގެ މައްސަލައިން ދުރުވެ ހުރުމަށް ވެސް އެހީތެރިވެދޭ މާއްދާއެކެވެ.

ޖުމްހޫރީ މޭވާ ބޭނުން ކުރުމުން ބައެއް ކަހަލަ ކެންސަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެ ދެ އެވެ. އެގޮތުން އޭގައި ހިމެނޭ ފައިޓޯކެމިލްތަކުގެ ސަބަބުން ރައްކާތެރިކޮށްދޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި މަސާނާގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ. އެއީ ފައިޓޯކެމިކަލް ތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިކަން ލިބޭތީ އެވެ.

ޖުމްހޫރީ މޭވާގެ އޮށުގައި އެކުލެވޭ ޑައެޓްރީ ފައިބަރަކީ ހަށިގަނޑުން ސަރުބީ މަދުކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ގޮހޮރުގެ ބަތާނަ ފަށުގައި ކެންސަރު ޖައްސަނިވި މާއްދާތައް ތަތްވިޔަ ނުދީ ހިފަހައްޓައި، ވިހަ މާއްދާތަކަށް ގޮހޮރުގެ ބަތާނަ ފަށް ހުށަހެޅުން ހުއްޓުވަ އެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ. އަދި ފައިބަރަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށް ދިނުމުގައި ވެސް އެހީތެރިވެދޭ މާއްދާއެކެވެ.

ޖުމްހޫރީ މޭވާ ބޭނުންކުރުމުން ލިބެދޭ އެހެނިހެން ފައިދާ ތަކުގެ ތެރޭގައި، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ވިންދު ޖެހުން ތަރުތީބުކޮށްދީ، ހިތުގެ ބަލިތައް ޖެހުން ދުރުކޮށް ދެ އެވެ.

އެހެންވެ މިފަދަ އެތައް ސަބަބުތަކަށްޓަކައި ދިވެހި ވެށިން ފަސޭހަކަމާ އެކު ލިބެން ހުރި ޖުމްހޫރީ މޭވާގެ ބޭނުން ނުކޮށް ތިބުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. މި މޭވާ ބޭނުން ކުރަން އާދަ ކުރާށެވެ. ކުރިމަތީގައި އޮތީ ސިއްހީ އެތައް ފައިދާތަކެކެވެ.