ރާއްޖެ ޕްރޮމޯޓް ކުރަން އިންޑިއާގައި ރޯޑްޝޯތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
މަޓާޓޯއާއި އެންއެޗްޖީއެމް އަދި އެމްއެމްޕީއާރުސީ ގުޅިގެން އިންޑިއާގައި ބާއްވާ މި ރޯޑްޝޯތައް ކުރިއަށްދާނީ ބެންގަލޫރާއި މުމްބާއި އަދި ނިއުދިއްލީގައި އަންނަ ޖުލައި މަހުގެ 22، 24 އަދި 26 ވަނަ ދުވަހުގަ އެވެ.
މަޓާޓޯ އިން ބުނީ މި ރޯޑްޝޯތައް ބޭއްވުމުގެ މަގްސަދަކީ އައުޓްބައުންޑް ފަތުރުވެރިން ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓް ކަމަށް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކުރުން ކަމަށެވެ.
މި ރޯޑްޝޯގައި ރާއްޖޭގެ ތަފާތު ކަންކަން ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި ރީތި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ކަނޑުގެ ތަފާތު ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަ ހިމެނެ އެވެ.
އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް މި އަހަރު ފެށުނު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތަށް ދިމާވުމުގެ އަސްލަކަށްވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
މިކަމާ ވިދިގެން އިންޑިއާ މީހުން ޗުއްޓީ އަށް ރާއްޖެ ދިއުން ހުއްޓާލައި، އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.