Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ދިވެހި ހައްޖުވެރިން މިނާގައި

މި އަހަރު ރާއްޖޭން ޙައްޖަށް ދިޔަ ޙައްޖުވެރިން ތެރެއިން ބައެއް ހައްޖުވެރިން މިނާއަށް ހިނގައްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ‏ދިވެހި ޙައްޖުވެރިންގެ ތެރެއިން 577 ޙައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި ޙައްޖުވެރިންގެ އެހެން ބަސްތައް މިނާއަށް މިހާރު އަންނަނީ ދަތުރުކުރަމުން ކަމަށެވެ.

ޙައްޖުވެރިން މިނާ އިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެ އެވެ.

ޢަރަފާތަށް ދިޔުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. އެތަނުގައި ރޭކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށް ފަހު މިނާގައި ރޭކުރުމަށް ފަހު، ތިން ޖަމްރާއަށް ހިލައުކުމަށް ފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުމަށެވެ.

ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ޙައްޖު ދުވަހަކީ މާދަމަ އެވެ.