ހިތަދޫ އުތުރު ފަރާތުގައި އޮންނަ ކޯއްޓޭގެ ފަރުތަކުގެ ރީތި ވާހަކަ ދައްކަނީ ހަގީގަތުގައި ވެސް އެތަނުގެ ގުދުރަތީ ރީތިކަމުންނެވެ. ރާއްޖޭގެ އެހެން ކަންކޮޅުތަކުގެ ފަރުތަކާއި ހިލާފަށް ދިރޭ މުރަކަ ތަކާއި އެތައް ބާވަތެއްގެ ރީތި މަސްތަކުން އެތަން ވަނީ ފުރިފައެވެ. އެހެންވެ އެތަން މިވަނީ ސަރުކާރުން "ވަރަށް ފުރިހަމަކޮށް" ހިމާޔަތްކޮށްފައެވެ.
ހިތަދޫ "އީދިގަލި ކިޅި" ވޯލްޑް ބޭންކްގެ ޕްރޮޖެކްޓެއްގެ ދަށުން ތަރައްޤީ ކުރަމުން އަންނަ އިރު އީދިގަލި ކިޅި ހިމެނޭ ހިތަދޫ ކޯއްޓޭގެ ސަރަހައްދުގެ އެއްގަމާއި، ކަނޑުގެ ސަރަހައްދު ވަނީ ހިމާޔަތް ކުރެވިފައެވެ.

ކުރިމަގުގައި ފަތުރުވެރިކަން އާ ގޮތަކަށް ތައާރަފް ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން މިވަނީ ކަންބޮޑުވާ މައްސަލައެއް ތިލަވެފައެވެ.
އެންމެ ރީތި އެންމެ ހިތްގައިމު ކޯއްޓޭގެ އިރުމަތީ ފަރާތު ފަރު މިވަނީ ބޮޑު ސިންގާ "ކުނި ގޮޑަކަށް" ވެފައެވެ.
އެއްވެސް ބައެއްގެ ސަމާލުކަމަށް މިހާތަނަށް އައިސްފައިނުވާ މި ބޮޑު މައްސަލަ މިއަދު މިވަނީ ގައުމީ މައްސަލައަކަށް ވެފައެވެ.
މަރަދޫގައި ހުންނަ "އަކުއާވެންޗާ" ޑައިވިން ސްކޫލް އާއި ގުޅިގެން "އައްޑޫލައިވް"ގެ ޑައިވަރުން ވަނީ އެތަނަށް ފީނައި އެތަނުގެ ފޮޓޯ އާއި ވީޑިއޯ ނަގާފައެވެ.
ފާއިތުވި 20 އަހަރު ރާއްޖޭގެ ކަނޑުތަކަށް އެތައް ހާސް ޑައިވްކޮށްފައިވާ މާކް ބުނީ "އެންމެ ރީތި ކަނޑު އަޑީގެ ބަގީޗާ" ހަލާކު ކޮށްލާފައިވާ ކަމަށާއި އެކަމުގެ އަގު ދެން އައްޑޫ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި، ފޮތި ތަކާއި، ސައިކަލް ޓައިރުގެ އިތުރުން ނެޕީ އާއި ދަޅުތައް އެސަރަހައްދުން އިއްޔެ ވަނީ ނަގާފައެވެ.

އެސަރަހައްދަށް ފީނި ޑައިވަރުން ބުނީ އެތަނުން 10 ޓްރަކްގެ ކުނި ވެސް ނެގިދާނެ ކަމަށާއި، އެއީ ކިހިނެއް "ކުއްލިގޮތަކަށް" ޖަމާވި ކުނިތަކެއް ކަން ނޭގޭ ކަމަށެވެ.
މާކް ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް އެ ސަރަހައްދަށް ފީނިކަމަށާއި އެފަދަ އަދަދަކަށް ކުނި ޖަމާވެފައި ހުއްޓާ ފެނިފައި ނުވާ ކަަމަށެވެ.
އިއްޔެ އެ ސަރަހައްދުން ޕިކަޕެއްގެ ކުނި ވަނީ ހިތަދޫ ބަނދަރަށް ގެނެސްފައެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، އެފަދަ އަދަދަކަށް އެތަނަށް ކުނި އެޅުނު ގޮތެއް ހޯދާނެ ކަމަށާއި އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މާކް ބުނީ ކުނިތައް ވީ އެންމެ އަވަހަކަށް ނެގުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މީ އައްޑޫ ހާއްސަވާ ކަމަކީ، އައްޑޫ އަކީ ޑައިވިން އަށް މުޅި ރާއްޖެއިންވެސް އެންމެ ހާއްސަ ތަން. ހާއްސަ ކޮށް ކޯއްޓޭގެ ފަރަކީ ރާއްޖޭގެ އެންމެ ރީތި ފަރު. އެތަން ހަލާކުވިޔަ ދީގެން ނުވާނެ"
ކޯއްޓޭގެ ފަރު "ހިމާޔަތް"ކޮށްފައި ވަނިކޮށް އެތަނުގެ ބޮޑު ބަޔަކަށް ކުނި އެޅުނު މައްސަލަ ބެލުމަށް އީޕީއޭގެ ޓީމެއް ވަރަށް އަވަހަށް އައްޑޫއަށް އައުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި އެކަން ތިމާވެއްޓާއި ބެހޭ ވަޒީރުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
"ކުނިތަކާއި އެކު އެ ސަރަހައްދު އެގޮތަށް ނުބޭއްވޭނެ، އޭގެ ސަބަބުން އިޔާދަ ނުކުރެވޭނެ ގެއްލުން ފަރަށް ލިބިގެންދާނެ" މާކް ބުންޏެވެ.
ކޯއްޓޭ ފަރުން ގިނަ އަދަދެއްގެ ކުނި ފެނުމާއި ގުޅިގެން އެތަން ވީހާވެސް އަވަހަކަށް ސާފު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.