އިސްލާމްދީނުގެ އަސާސްތަކާ ހިލާފުނުވާނެ ގޮތަށް ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އިން އަންގައިފި އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޮނުވި އާންމު ސާކިއުލާއެއްގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެހެންކަމުން އީދު އެންމެހާ ހަރަކާތްތައް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފު ނުވާނެހެން ހިންގުމަށް ވަނީ އެދިފަ އެވެ.
އީދުގެ ކުޅިވަރުތައް ރަވާ ހިންގާއިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ އެއްވަނަ މާއްދާގައިވާ ގޮތަށް އެކަން ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދައިން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމާއި އަދި އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށްވެސް ވެސް އަންގާފަ އެވެ.