Last Updated: May 18, 20:05
Saturday, May 18, 2024
މީހުން

މޫސާ ސާއިދު: ބިރުވެރި ވާހަކަތަކުގެ ރަސްގެފާނު

މޫސާ ސާއިދުގެ އޭނާގެ އަންހެނުންނާއި ދެ ކުދިންނާ އެކު. ފޮޓޯ/ ސާއިދު އެފްބީ ޕޭޖް

އޭނާގެ ބައެއް ވާހަކަތަކަށް ފިލްމް ވެސް ހަދައިފި އެވެ. އޭނާގެ ވާހަކަތައް ފޮތް ވިއްކާ ފިހާރަތަކުގެ ހަރުގަނޑުތަކުން ފެނުމަކީ ވަރަށް އާންމު ކަމެކެވެ. މިހާރު ވެސް ދިގު ލިސްޓެއް އެބަ އޮތެވެ. ހަމަ ފަހުގެ ވާހަކަތަކެވެ. އޭނާ މި ފަހުން ބާޒާރަށް ނެރުނު ވާހަކަތަކުގެ ތެރޭގައި "ރޭ ވިލޭރޭ"، "ހުވާކޮށްފާ ބުނަން"، "ލޯބި އޭގެ އިންތިހާ"، "ލޯތްބާ ނުލާ"، "ސަރާ" ފަދަ ވާހަކަތައް ހިމެނެ އެެވެ.

އެހެން ގޮތަކަށް ބުނާ ނަމަ ދިވެހި ލިއުންތެރިންގެ ތެރެއިން ފަހަކަށްް އައިސް ވާހަކަ ފޮތް ނެރެ، އެ ފޮތްތައް ވިއްކައިގެން ބޮޑު ފައިދާއެއް ހޯދާ ލިއުންތެރިއަކީ ސ. މަރަދޫ މޫސާ ސާއިދެވެ. އޭނާ ސިފަ ކުރާ ގޮތުގައި ވާހަކަ ލިޔެގެން ލިބޭ އާމްދަނީން ދިރިއުޅުން "ވަރަށް ސަޅިކޮށް" ގެންދެވޭނެ އެވެ. އެއީ ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ އާމްދަނީ ލިބޭ މަސައްކަތެެކެވެ.

އެހެންވެ މާލޭގެ ފިހާރައެއްގައި މަސައްކަތް ކުރަމުން ސާއީިދުގެ ހުރިހާ ވެސް ވިސްނުމަކީ ވާހަކަ ލިއުމާއިގެން ކުރިއަަށް ދިއުމެވެ. އޭނާ ވަނީ މިހާތަނަށް ކާމިޔާބް އެތަކެއް ވާހަކައެއް ލިޔެފަ އެވެ.
ހާއްސަކޮށް ބިރުވެރި ވާހަކަ އެވެ. އޭނާގެ ވާހަކަތަކުގެ އެންމެ ހާއްސަ ސިފައަކީ ވެސް ލޯބީގެ ތެރެއިން ބިރު ގަންނަވާލުމެވެ. އެހެންވެ އޭނާގެ ގިނަ ވާހަކަތައް ބިނާކޮށްފައި ހުންނަނީ ލޯބީގެ ބިރުވެރި ހާދިސާތަކެެއްގެ މައްޗަށެވެ.

ވާހަކަ ލިޔުންތެރިޔާ ސާއިދުގެ 24 ގަޑިއިރުގެ ވިސްނުމަކީ ވާހަކަ ލިޔުމެވެ. އަބަދުވެސް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުންދާނީ ވާހަކައެއް ލިޔާނެ ހިޔާލްތަކެވެ. އޭނާ ވަނީ މީގެ ކުރިން "މިއަދު" ނޫހުގެ ވާހަކަ ސޮފްހާ ވެސް ފުރާލަ ދީފަ އެވެ. ހަގީގަތުގައި ސާއިދު އާންމުންގެ ތެރޭގައި މަގުބޫލް ލިއުންތެރިއަކަށްވީ މިއަދު ނޫހުގައި އޭނާ ގެނެސް ދެމުން ގެންދިޔަ ސިލްސިލާ ވާހަކަތަކުންނެވެ.
އޭގެ ކުރިން އޭނާ ވަނީ "އާފަތިސް" ނޫހުގައި ވެސް ވާހަކަ ލިޔާނެ ފުރުސަތެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ.

އެހެން ނަމަވެސް ފަހުން އޭނާ ވަނީ ރާއްްޖޭގައި ނިކުތް ގިނަ މަޖައްލާތަކަށް ވެސް ވާހަކަ ލިޔެފަ އެވެ. އޭގެ ތެރޭގައި "އުދަރެސް"، "ފިޔެސް"، "އަށްޑުވަސް" އަދި "މަނަސް" ފަދަ މަޖައްލާތައް ހިމެނެ އެވެ. އަދި އޭނާއަކީ "ދިޓީވީ"ގެ ވެބްސައިޓަށް ވެސް ލިޔަމުން އަންނަ ވާހަކަ ލިއުންތެރިއެކެވެ.

ސާއިދަކީ ރާއްޖޭގައި އެންމެ ފުރަތަމަ އޯޑިއޯ ވާހަކައެއް ވެސް ނެރުނު ވާހަަކަ ލިއުންތެރިޔާ އެވެ. އޭނާ މިއަދު ނޫހުގައި ޝާއިއުކޮށް، ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ފިނި ނޭވާ" ވަނީ އޯޑިއޯ ވާހަކައެއްގެ ގޮތުގައި ނެރެފަ އެވެ.

ސާއިދު ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ލިއުނު ވާހަކައަކީ "ލޯތްބަކީ ކުޅޭކުޅޭ އެއްޗެއް ނޫން" ގެ ނަމުގައި ލިއުނު ދިގު ވާހަކައެކެވެ. އެ ވާހަކަ މިހާތަނަށް ޝާއިއުކޮށްފައެއް ނެތެވެ. އެކަމަކު އެ ވާހަކަ މިހާރު ވެސް އޭނާގެ އަތުގައި އެބަ އޮތެވެ.

ސާއިދުގެ ވަރަށް ގިނަ ވާހަކަތަކެއް މިހާރު ބާޒާރުގައި މިހާރު ވެސް އެބަހުއްޓެވެ. އޭނާ ބުނާ ގޮތުން، 19 އަހަރު ވަންދެން އުޅުނު އަމިއްލަ ރަށް ދޫކޮށްލައިފައި މާލެ އަށް ހިޖުރަކުރީ އަގުބޮޑެތި ޖަވާހިރުތަކެއް ހިފައިގެންނެވެ.

އެއީ އޭނާގެ ވާހަކަތަކެވެ. އޭގެ ތެރެއިން "ވޭނީ އާހު" އެއީ އޭނާގެ ފުރަތަމަ ޗާޕެވެ. އެ ފޮތް ބާޒާރުގައި ރަނގަޅު ކާމިޔާބެއް ހޯދިއިރު އޭނާގެ އަތުގައި އެހެން ބައެއް ދިގު ވާހަކަތައް ވެސް ހުއްޓެވެ. އޭގެ ތެރެއިން ދެ ވަނަ އަށް ނެރުނު "މެންދަން"ގެ 1،000 ކޮޕީ ޗާޕްކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުސްކޮށްލި އެވެ. އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސާއިދު ދެކެ އެވެ.

ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތުމާ އެކު މޫސަގެ ޑިމާންޑް ވެސް މައްޗަށް ދާން ފެށި އެވެ. ފިލްމު އުފައްދާ ބައެއް މީހުން ވެސް އޭނާގެ ވާހަކަތަކަށް ކަޅި ހުއްޓުނެވެ.
ފިލްމުތަކަށާއި ސިލްސިލާ ޑްރާމާތައް ލިޔެ ދޭން މޫސަގެ ކިބައިން އެދެމުން ދިޔަ އެވެ. އޭނާގެ ވާހަކަތަކުގެ ތެރެއިން ފީޗަ ފިލްމް ހަދާފައިވާ ވާހަކަތަކުގެ ތެރޭގައި "ސަނދުރަވިރޭ" އާއި އޭގެ ދެވަނަ ބައިގެ އިތުރުން "ކަށްވަޅަށް ދާންދެން"، "ދޮން ކަމަނަ" ހިމެނެ އެވެ. މީގެ އިތުރުން ޑައިރެކްޓަރު އަބްދުލް ފައްތާގު ވަނީ ސާއިދުގެ "ރޭޝަމް" އަށް ސިލްސިލާ ޑްރާމާއެއް ވެސް ހަދައިފަ އެވެ.

ވާހަކަ ލިޔެ ބާޒާރަށް ނެރުމާ އެކު މިހާރު މުހިންމު އެހެން ކަމެއް ވެސް އޭނާ ކުރެ އެވެ. އެއީ ވާހަކަ ޕްރޮމޯޓްކޮށް އިޝްތިހާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމެބެ. ބޭނުމަކީ ކިޔުންތެރިންގެ ސަމާލުކަން ވާހަކަތަކަށް ހޯދުމެވެ. އެގޮތުން ވާހަކައިގެ ތީމާ ގުޅޭ ކަހަލަ ލަވަތައް ހަދައި މައި ޓޯންގައި އެ ލަވަތައް ޕްރޮމޯޓް ކުރުމަށް ސާއިދު އިސްކަމެއް ދެ އެވެ.

"ކުރިން ވާހަކަ ފޮތްތައް ނެރޭއިރު މާ ބޮޑަށް އިޝްތިހާރުކުރުމަކީ ކުރާ ކަމެއް ނޫން. ފޮތް ނެރެލީމަ ނިމުނީ. އެކަމަކު މިހާރު އެކަން އެގޮތަކަށް ނުވާނެ. މިހާރު މިއޮތީ ވާދަވެރިކަން ކުރިމަތިވެފައި. އެހެންވެ އަހަރެން ވެސް ނިންމީ ބޮޑެތި އިޝްތިހާރުތަކެއް ކުރަން. ވާހަކަ ފޮތްތަކުގެ ޕޯސްޓަރު ހަދައި ބޮޑެތި ކެންވާސް އިޝްތިހާރުތައް ވެސް މާލޭގައި ހުންނާނީ ހަރުކޮށްފައި. އެއީ ވެސް އަސްލު ބޮޑު ހަރަދެއް،" 37 އަހަރުގެ ސާއިދު ބުންޏެވެ.

ސާއީދު ބުނީ އޭގެ ނަތީޖާ ވެސް ހަމަ ވަރަށް ރަނގަޅު ކަމަށެވެ. އޭނާ ފަހުން ނެރުނު ކޮންމެ ވާހަކައަކަށް ލައްކައަކާ ގާތްކުރާ އަދަދަށް ފައިސާ ލިބުނެވެ.

"މިހާރު ހީއެއްނޫން، ޔަގީންވެއްޖެ މިކަން އެކަނި ކޮށްގެން ވެސް ދިރިއުޅެވިދާނެކަން،" ސާއިދު ބުންޏެވެ. "މީގައި ބޭނުން ވަނީ ހުރިހާ ވާހަކަ ލިޔުންތެރިން ވެސް ވާހަކަ ފޮތްތައް ބަރާބަރަށް ނެރުން. އެންމެން ވެސް އެކަން ކުރަންވީ. ފޮތްތައް ނެރެންވީ. މެދުކެނޑުން މިއީ މައްސަލައަކީ."

ސާއިދު ވެސް ބުނީ އޭނާ ގައުމަށްޓަކައި ކޮށް ދެނީ މުހިއްމު ހިދުމަތެއް ކަމަށެވެ. އަދި އެކަން ފާހަގަކޮށް ސަރުކާރުން ވެސް ގައުމި އިނާމެއް ފަދަ އެއްޗެއް ލިބުން އެހާ މުހިއްމު ނޫން ކަމަށް އޭނާ ބުންޏެވެ.

"ކިޔުންތެރިންގެ ތަރުހީބު އަހަންނަށް މާ މުހިންމު. އެހެން މީހުން ބޭނުންވާ ގޮތަށް އަހަންނަކީ މިކަމުން ގައުމީ އިނާމެއް ބޭނުންވާ މީހެއް ނޫން،" އޭނާ ބުންޏެވެ.

ސާއީދު ބުނީ މި ދާއިރާގައި ހުއްޓުމެއް ނެތި ކުރިއަށް ދާން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނާ ގޮތުން މިކަން ހުއްޓޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

"މިހާރު އަހަރެން އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަންތައް ކުރަމުން އެބަ ދަން. އެއީ އަހަރެންގެ ވާހަކައެއް އިނގިރޭސި ބަހުން ނެރުން. އަހަރެން ދިވެހިން ލިޔެފައިވާ މުޅިން އާ ވާހަކައެއް ތިމާގެ ކުއްޖަކު އެބަ އިނގިރޭސި ބަހަށް ތަރުޖަމާ ކުރޭ. އެ ވާހަކަ ބޭރުގައި ޗާޕްކޮށް ބޭރުގައި ނެރުން އުންމީދަކީ،" މޫސަ ބުންޏެވެ.

ސާއިދުގެ ވާހަކަ ނިންމާލުމުގެ ކުރިން އޭނާގެ ބައެއް ވާހަަތައް ހަނދާންކޮށްލުން ހަމަ ވަރަށް މުހިއްމެވެ. ގިނަ ވާހަކަތައް މިހާރު ވެސް ހުރީ ކިޔުންތެރިންނަށް ލިބޭނެ ގޮތަށް ފޮތް ފިހާރަތަކުގަ އެވެ.

"އަތްބުރި"، "ސިލްސިލާ"، "ބޯގަންވިލާ"، "ސަންޑޭ"، "ބަރުދާސްތު" ފަދަ ވާހަކަތައް ހިމެނެ އެވެ.