ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިން މިނާ އިން އަރަފާތު ބިމަށް ދަތުރު ފެށީ ރޭގެ ވަގުތެއްގައި ކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޢާއްމު ގޮތެއްގައި ރަނގަޅު ކަމަށެވެ.
އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. އަރަފާތު ބިމުގައި އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެ އެވެ. ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެ އެވެ.
އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާއިރު، ދެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ.
ސައުދީން ރާއްޖެއަށް މިއަހަރު ދޫކުރި ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތުން އިތުރު 150 ކޯޓާ ހޯދައި 1150 ހައްޖުވެރިން ވަނީ ސައުދީ އަށް ފުރާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފަގީރުންގެ ލިސްޓުގައި ހިމެނޭ 50 މީހަކު ވެސް ހިމެނެ އެވެ.