ބާސެލޯނާ އަށް ކުޅެމުން އަންނަ 16 އަހަރުގެ ފޯވާޑް، ލަމީން ޔަމާލަށް ލިބިފައިވަނީ އާދަޔާ ހިލާފު ހުނަރެއް ކަމަށް، ސްޕެއިންގެ ކޯޗު ޑި ލާ ފުއެންޓޭ ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނުން ކްރޮއޭޝިޔާއާ ދެކޮޅަށް ނިކުންނައިރު، ސްޕެއިންގެ ޓީމުގައި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.
އޭގެތެރޭގައި ހިމެނޭ ޔަމާލަށް ތައުރީފު ކުރަމުން ފުއެންޓޭ ބުނީ އޭނާ އަށް ލިބިފައިވަނީ އާދަޔާ ހިލާފު ހުނަރެއް ކަމަށާއި އެއީ މަދުން މީހަކަށް ލިބޭނެ ފަދަ ހުނަރެއް ކަމަށެވެ. އަދި އެއީ މަދު ކުޅުންތެރިންތަކެއްގެ ކިބައިގައި ހުންނާނެ ހުނަރުތަކެއް ކަމަށާއި މިހާރަށް ވުރެ ވެސް ޔަމާލްގެ ކުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކޯޗު ބުންޏެވެ.
އަދި ފުޓްބޯޅައިގައި ދިމާވާ އުނދަގޫ ވަގުތުތަކުގައި ފާޑުކިޔުންތައް ވެސް އަމާޒުވާނެ ކަމަށާއި އެފަދަ ކަންކަމަށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން އަހުލުވެރި ކުރުވައި، ކަންކަން ދަސްކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުއެންޓޭ ބުންޏެވެ. ޔަމާލްގެ އިތުރުން ސްޕެއިންގެ ޒުވާން ހުނަރުވެރި ވިންގާ، ނިކޯ ވިލިއަމްސް އަށް ވެސް ކޯޗު ވަނީ ތައުރީފުކޮށްފަ އެވެ.
ސްޕެއިން އާއި ކްރޮއޭޝިއާ ވަނީ ފާއިތުވި ދެ ޔޫރޯގައި ވެސް ބައްދަލުކޮށްފަ އެވެ. އެގޮތުން 2016 ގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން 2-1 އިން ސްޕެއިން ބަލިކުރިއިރު، އެންމެފަހުން ބޭއްވި ޔޫރޯގެ ދެވަނަ ބުރުގައި ސްޕެއިނުން ވަނީ ކްރޮއޭޝިއާ ކަޓުވާލާފަ އެވެ.
ސްޕެއިން އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.