Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މުސްލިމުން އެއްބައިވަންތަވުމަށް ގޮވާލައިފި

ހުރިހާ މުސްލިމުން އެއްބައިވަންތަކަން ބަދަހިކުރުމަށް ހައްޖު ހުތުބާގައި އިސްލާމީ އުއްމަތަށް ނަސޭހަތްތެރިވެއްޖެ އެވެ.

ހައްޖު ހުތުބާ މިފަހަރު ދެެއްވީ ޝައިހް ޑރ. މާހިރު ބިން ޙަމަދު އަލްމުޢައިޤިލީ އެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހް ވިދާޅުވީ މުސްލިމް އުންމަތް އެއްބައިވަންތަވާންޖެހޭ ކަމަށާއި އޭގެ ސަބަބުން އުންމަތް ބައިބައިވުންތަކުން ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ. މުސްލިމުން އަޅުކަން ކުރަންޖެހޭ ފަރާތަކީ ހަމައެކަނި މާތްﷲ ކަމަށާއި އެކަނލާގެ މަގުގައި ސާބިތުވެ ތިބޭ މީހުންނަކީ އާހިރަތުގައި ކާމިޔާބު ލިބޭނެ މީހުން ކަމަށް ޝައިހް ވިދާޅުވި އެވެ.

މުސްލިމުންގެ އުޅުމާއި ގުޅުންތައް ރަނގަޅުކުރަންޖެހޭކަން ފާހަގަކުރަމުން ހުތުބާގައި ވަނީ ދުނިޔެވީ ދަޅަތަކަށް ނުހެއްލުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ. އަދި މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި އެމީހުންނަށް ކިޔަމަން ނުވެއްޖެ މީހާއަކީ ދެ ދުނިޔޭގައި ވެސް ކާމިޔާބު ލިބޭނެ މީހެއް ނޫންކަން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ބޭކާރު ގޮތުގައި މުދާ ހޭދަ ނުކުރުމަށާއި ރަލާއި މަސްތުވާތަކެތިން ދުރުހެލިވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި މާތްﷲ އަމުރުކުރައްވާފައިވާ ފަދައިން ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށާއި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޒަކާތް ފޯރުކޮށްދިނުމަށް ވެސް ހުތުބާގައި ވަނީ މުސްމިލް އުންމަތަށް ގޮވާލާފަ އެވެ.

ހައްޖު ހުތުބާގައި ވަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް ދުއާ ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.