Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އީދު ފާހަގަ ކުރަން އެހެން ދީންތައް ކޮޕީ ނުކުރޭ

އައްޑޫ ފޭދޫގެ ޓާފް ދަނޑުގައި އީދު ނަމާދު ކުރިއަށް ދަނީ. ފޮޓޯ/ ފޭދޫ އަވަށު އޮފީސް

އީދު ފާހަގަކުރާއިރު އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަންޖެހޭ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

އީދު ހުތުބާގައި ބުނީ އަޟްހާ އީދު ދުވަސް އަންނަނީ ހިތްތަކަށް އުފާވެރިކަން އިޔާދަކުރަމުން ކަމަށާއި މިއީ ކެއުމާއި ބުއިމާއި އަދި އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށެވެ. މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށާއި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީ ކުރުން ދޫކޮށްލަންޖެހޭ. އަހަރަމެންނަކީ މާތްﷲ އިސްލާމްދީނުގެ ސަބަބުން އިއްޒަތްތެރިކަން ދެއްވާފައިވާ ބައެއް،" ހުތުބާގައި ބުންޏެވެ.

އީދު ހުތުބާގައި ވަނީ ފަލަސްތީނު ރައްޔިތުން ހިމާޔަތް ކުރުމުގައި މުސްލިމް އުއްމަތް ނުކުޅެދިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް މިއަދު މުސްލިމުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށާއި މިކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ ފަލަސްތީނުގެ ރަފަހާއި ގާޒާ އާއި އެހެނިހެން ބިންތަކަށް ސަހްޔޫނީން ވެރިވެގެންފައިވާ އިރު ވެސް އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރަން ނުކުޅެދިފައިވުން ކަމަށް ހުތުބާގައި ބުންޏެވެ.

"މި އުއްމަތުގެ މީސްތަކުންގެ އަދަދާއި، ގުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެ. އެހެންކަމުން މި މަތިވެރި ދުވަހުގައި އުއްމަތް ބިނާކުރަން އަހަރަމެން އަޒުމް ކަނޑައަޅަމާ ހިނގާށޭ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ މާތްﷲގެ އައްދުވުން އިސްލާމްދީނާއި ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާއި ދެކޮޅަށް އެއްބައިވަންތަކަމާ އެކު ކުރިމަތިލާންޖެހޭ ކަމަށާއި މި އުއްމަތަކީ އެތައް ގިނަގުނަ ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުއްމަތެއް ކަމަށްވެސް ބުނެފަ އެވެ.