ރާއްޖޭގައި ޤާނޫނު ދަމަހައްޓަން ބޭރުގެ ފަރާތްތަކުން ނަގަން ޖެހޭނެ ހުއްދައެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމް ތަންފީޒު ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ނަގަން ޖެހޭނެ ހުއްދައެއް ވެސް ނޯންނާނެ ކަމަށެވެ.
“ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރާ ޙުކުމް ތަންފީޒު ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ނަގަން ޖެހޭނެ ހުއްދައެއް އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދިވެހިރާއްޖޭގެ ޤާނޫނު ދަމަހައްޓަން ބޭރުން ނަގަން ޖެހޭ ހުއްދައެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ހެޔޮ އެދޭނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ހިޔާލުތަފާތުވުން ތަކެއް ހުރި ނަމަވެސް އަޤުލަބިއްޔަތު އޮތީ ވަކި ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ބޭރުގެ ފަރާތްތަކުން ޕްރެޝަރު ކޮށްގެން ކާމިޔާބު ހޯއްދަވާ ނަމަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޤާނޫނޫތައް ބަދަލު ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
“ބޭރުގެ ފަރާތްތަކަށް އައިސްފައި ނުބުނެވޭނެ މިގައުމުގައި މީހުން ރަހީނު ކުރުން އެއީ ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށް ކަލޭމެންގެ ޤާނޫނުގައި ނުލިޔެވޭނެއެކޭ.” ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެންގެ ދައުލަތަކީ ކުޑަ ދައުލަތަކަށްވާއިރު، ގާނޫނާއި އެއްގޮތަށް ކަންކަން ކުރާ ކަމުގައިވަންޏާއި ފާޑުކީ ނަމަވެސް، އެންމެ މުގައްދަސް ކަމަކަށް އޮންނާނީ ގާނޫނުގައި ކަންކަން ނިންމަން އޮންނަ ގޮތް ކަމަށާއި މަސްލަހަތު ނިޔާ ކުރާ ގޮތުގެ މަތިން ގާނޫނުތަކަށް ބަދަލު ގެނައުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ރައީސް މިރޭ ވެސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދާނީ އުސޫލުތަކާއި ގާނޫނުގައިވާ ގޮތުގެ މަތިންނާއި އިސްލާމް ދީނުގައި އޮތް ގޮތުގެ މަތިންނެވެ. އަދި ސަރުކާރުން ތަންފީޒު ކުރެވޭނީ ކޯޓުތަކުގެ ހުކުމް ކަމަށާއި މިކަން ކަމަށް ޖަދަލު ކުރާ ފަރާތްތަކުން ރާއްޖެއަށް އައުމަކީ އެދޭ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ބޭރުގެ ފަރާތްތައް މަސައްކަތް ކުރައްވައިގެން ކާމިޔާބު ކުރައްވާ ކަމުގައިވަނީނަމަ ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް ބަދަލުކުރެއްވުމަށް އަޅުގަނޑު މަރުހަބާ ކިޔަން، އެހެންނަމަވެސް އެ ގާނޫނުތަކަށް ބަދަލު ނާންނަހާ ހިނދަކު ސަރުކާރުގެ އަޒުމަކަށް ވާނީ ގާނޫނު ތަންފީޒު ކުރުން،” ރައީސް ޔާމީން ވިދާޅުވިއެވެ.