އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ހިނގާގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެދި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް އެމްޑީޕީގެ 3 މެންބަރަކު ސޮއިކުރައްވައި ހުށަހަޅައިފި އެވެ.
މައުލޫމާތު ލިބިފަިއިވާ ގޮތުގައި މިމައްސަލަ ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.
އައްޑޫ އާ ހޮސްޕިޓަލާ ގުޅިގެން ދާދިފަހުން ހެލްތް މިނިސްޓަރ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުންނަވައިގެން ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މިހާރުވެސް ބޮޑުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމަކީ ހޮސްޕިޓަލް އެޅެންދެންވެސް، ޚިދުމަތް ދިނުމުގައި މިހާރުވެސް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުން ކަމަށެވެ.
އައްޑޫގައި އާ ހޮސްޕިޓަލެއް އެޅުމުގެ ވާހަކަ ސަރުކާރުތަކުން ދައްކާތާ ގާތްގަނޑަކަށް 14 އަހަރު ވެފައިވާއިރު އަދިވެސް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނުފެށޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.