Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފޭދޫ އެމްޑީޕީ އެކްޓިވިސްޓެއްގެ ކާރުގައި ރޯކޮށްލައިފި

ސ.ފޭދޫ ގައި އެމްޑީޕީގެ ހަރަކާތް ތަކުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ތޯރިގް (ޖޯނާ) ގެ ކާރުގައި ބަޔަކު ރޯ ކޮށްލައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޯނާގެ ކާރުގައި ރޯކޮށްލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސ.ފޭދޫ ސެލްކޮމް ގޭގެ ކައިރީގައި ޕާކްކޮށްފައި އޮއްވައެވެ.

މިހާދިސާގައި މުހައްމަދު ތޯރިޤްގެ ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާއިރު ކާރުގައި ރޯކޮށްލުމުގެ ސަބަބުން އެގޭގެ ބަދިގެއަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

އައްޑޫގައި ބޭއްވި އެމްޑީޕީ ރެލީ އެއްގައި މުހައްމަދު ތޯރިޤް ހަރަކާތްތެރިވަނީ.
އައްޑޫގައި ބޭއްވި އެމްޑީޕީ ރެލީ އެއްގައި މުހައްމަދު ތޯރިޤް ހަރަކާތްތެރިވަނީ.

ސެލްކޮމް ގެއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ކާރުގައި ރޯކޮށްލީ މޫނު ނިވާކޮށްގެން ބޮޑު ދެ ވަޅި ވެސް ހިފައިގެން އައި ދެ މީހަކު ކަމަށާއި އެ މީހުން ފުރަތަމަ މަސައްކަތް ކުރީ ގޭގެ ދޮރުމަތީގައި އިން ސައިކަލެއްގައި ރޯކޮށްލާން ކަމަށެވެ. އެހެން ނަމަވެސް ގޭތެރޭގައި މީހަކު އުޅޭކަން އެނގިގެން އެ މީހުން ގޭގެ އެއް ފަރާތުގައި ނިވާވެގެން ތިބެ، ޕާކްކޮށްފައި އޮތް ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅާލައި އެތެރެއަށް ޕެޓްރޯލް އަޅައިގެން ރޯކޮށްލީ ކަމަށް އޭނާ ބުންޏެވެ.

“އެއީ ސައިކަލެއްގައި އައި ދެ މީހުން. ދެ މީހުންގެ އަތުގައި ބޮޑު ދެ ވަޅި ވެސް އޮތް. އަދި ފޮތިން މޫނު ނިވާކޮށްގެން ތިބި އިރު، އެކަކު ހުރީ ހެލްމެޓް ވެސް އަޅައިގެން،” އޭނަ ބުންޏެވެ.

11154594_10152985521027732_4870108059227146978_o
ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިންނެވެ. މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ތަޙުޤީޤް ކުރަމުން އަންނަ އިރު މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެއެވެ.