އެއްގަމުގައި ދުއްވާ ވެހިކަލްތައް ތާޑް ޕާޓީ އިންޝްއަރެންސް ކުރުމަކީ، އިހުތިޔާރީ ކަމަކަށް ހެދުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
މި އިސްލާހާ ބެހޭގޮތުން މޫސާ މަނިކު ވިދާޅުވިގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ، އެކަން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް ނަމަވެސް، އެ އިންޝްއަރެންސްގެ ފައިސާ ގެއްލުން ލިބޭ ފަރާތަށް އިންޝްއަރެންސް ކުންފުނިތަކުން ދެމުން ނުދާކަމުގެ ޝަކުވާ ގިނަ އާންމުން ހުށަހަޅާފައިވާތީ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި ކަމެއްގެ މަގުސަދު ހާސިލް ނުވާކަމެއްގައި އާންމުން ބޮޑު ތަކުލީފެއް އުފުލަން ޖެހުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫނެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން، އެއްގަމު ދުއްވާ އެއްޗެއް ނަމަ ތާޑް ޕާޓީ އިންޝްއަރެންސް ކުރުމަކީ މަޖުބޫރު ކަމެކެވެ. އަދި އިންޝްއަރެންސް ނުކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސަ ވަނީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާ ބޮޑު ކުރަން ވެސް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވާއިރު އެ އިސްލާހުތައް މަޖިލީހަށް ބަލައި ގަނެ، ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ މިހާރު ފޮނުވައިފަ އެވެ.