މި ފަހަރު އިދިކޮޅާ އެކީ އެއްބަސްވުމަކަށް ދާން ޖެހޭ ގޮތަށް އުފެއްދި ކޯލިޝަން ސަރުކާރާ އެކީ ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވެރިކަމުގެ ދެވަނަ ދައުރަކަށް މިއަދު ހުވާކުރައްވައިފި އެވެ.
މިދިޔަ މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ރަމަފޯސާގެ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އަށް ލިބިފައި ނުވާތީ، އޭނަ އަށް މަޖުބޫރުވެވަޑައިގެންނެވީ އިދިިކޮޅާ އިއްތިހާދުވުމަށެވެ. އެހެންވެ ރަމަފޯސާ ދެވަނަ ދައުރަކަށް އިންތިހާބުކުރީ، އެންމެ ބޮޑު އިދިކޮޮޅު ޕާޓީ ޑިމޮކްރެކްޓީން އެލައިންސް (ޑީއޭ) އާއި އެހެނިހެން ބައެއް ޕާޓީތަކާ އެކީ ހެދި ޑީލެއްގެ ތެރެއިންނެވެ.
އޭއެންސީ އަށް މި ފަހަރުގެ އާންމު އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ނުލިބުންވެގެން ދިޔައީ އެ ޕާޓީ 1994 ގައި ވެރިކަމަށް އައި ފަހުން މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރަށެވެ. މެއި 29 ގައި ބޭއްވި އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް އުފެއްދޭ ވަރަކަށް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ރަމަފޯސާ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތުގައި އެފްރިކާގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހުވާ ކުރެއްވުމަށް ފަހު އޭނަ ވިދާޅުވީ ގައުމަށް ވަފާތެރިވެވަޑައިގަންނަވާނެ ކަމަށާއި ހުވާގެ މަތީގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން ގައުމުގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.