Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އެއާޕޯޓާއި ހޮސްޕިޓަލުގެ މައްސަލައިގައި މިނިސްޓަރުން މަޖިލީހަށް ހާޒިރު ނުކުރެވުނު

އައްޑޫ ސިޓީގެ އެއާޕޯޓާއި ހޮސްޕިޓަލް ހިންގާ ގޮތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއާއި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގަންނަން ކޮމިޓީ އިން ފާހެއް ނުވި އެވެ.

މިއަދު އޮތް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުގައި އެ މައްސަލަ ކޮމިޓީއަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ނުވަ މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދު ވޯޓް ދެއްވާފައިވަނީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ސޮއިކޮށް ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް ކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތައް ހުއްޓާލެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހަމައެއާކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދައި ދިނުމަށް ފިނޭންސް މިނިސްޓަރު ޖިހާދު ދެކޮޅު ހައްދަވަމުންދާ ކަމަށް ވެސް މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.