ފުރާވަރުގެ ތިން ފިރިހެން ކުދިން ހިމެނޭ ގްރޫޕަކުން 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފްރާންސްގައި ހޫނުވެއްޖެ އެވެ.
މި މަހުގެ 15 ވަނަ ދުވަހު ހިނގި މި ހާދިސާ މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން ކުއްޖާ ރޭޕްކުރީ ފްރާންސްގައި ވަރަށް ބޮޑުވެފައިވާ ނަސްލީ ތަފާތު ކުރުންތަކުގެ ތެރޭގަ އެވެ. އެގޮތުން އަންހެން ކުއްޖާ އަކީ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށްވާތި އެކަމުގެ ނަފުރަތުގައި ކުއްޖާ ރޭޕްކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ސިޔާސީ އެކިއެކި ބޭފުޅުން ވެސް 12 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ކަންްބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ފްރާންސްގެ ސްކޫލްތަކުގައި މިހާރު ކަންބޮޑުވާ ދަރަޖަ އަށް ނަސްލީ ތަފާތު ކުރުންތައް އިތުރުވަމުންދާ ކަމަށެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރާ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ މައްސަލަތައް ހައްލު ކުރަން ފްރާންސްގެ ސަރުކާރުން އެކަށީވެންވާ މަސައްކަތެއް ނުކުރެ އެވެ. އެހެންވެ މިކަމާ ދެކޮޅަށް މީގެ ކުރިން ވެސް މުޒާހަރާތަކެއް ވެސް ބާއްވާފައިވެ އެވެ.
އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ އިރު، ރޭޕްގައި ޝާމިލުވި ތިން ކުދިން މިހާރިު ތިބީ ބަންދުގަ އެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ދެ ކުދިންނެވެ.