Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ކައުންސިލަރު އައްދު މިރޭ ޕީޕީއެމް އަށް ސޮއިކުރަނީ

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު މިރޭ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އަށް ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އަލީ މުޙައްމަދު ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމް އަށް ސޮއި ކުރައްވަނީ އައްޑޫ އަތޮޅުގެ ތަރައްޤީއަށް ހުރަސް އަޅާ ކައުންސިލަރުންގެ ތެރޭގައި ނުހިމެނުމަށް ކަމަށާއި ބޭނުންވަނީ ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްޤީ އަށް މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ސަރުކާރުގެ ވެރިންނާއި ދިމާލަށް އެއްޗިހި ކިޔާފައި ޖެހިގެން އަންނަ ދުވަހު ގޮސް އެމީހުން ގާތު ރައްޔިތުން އެދޭ ކަންތަކުގެ ވާހަކަ ދައްކައިގެން އެކަންތައް ޙާސިލްކުރެވިދާނެ ކަމަކަށް " އަލީ މުހައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ޕީޕީއެމް އަށް ސޮއިކުރުމަށް ނިންމީ ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ ތަރައްޤީ އަށް ހުރަސް އަޅާ ބޭފުޅަކަށް ވުމަށް ނޭދޭތީ ކަމަށާއި މީގެ ކުރިން އެމްޑީޕީ ދިދަ ހިފައިގެން އުޅުނަސް އޭނާގެ އަމިއްލަ އެޖެންޑާ އެއްފަރާތް ކުރުމަށް ފަހު މިއަދު ޕީޕީއެމް އާއި ގުޅެން ނިންމީ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކަމަށެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވި އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމުގައިވާ އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ވައުދު ހަޤީޤަތަކަށް ހެދުމަށް ބޭނުން ވާތީ ކަމަށް ވެސް އެމްޑީޕީ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރ ވިދާޅުވިއެވެ.
11199012_647464822019855_168465096_n

"އަޅުގަނޑު ޕީޕީއެމް އަށް ސޮއި މިކުރީ އަޅުގަނޑު ވެފައިވާ ވައުދެއް ހަޤީޤަތަކަށް ހެދުމަށްޓަކައި . މިރޭ ރައީސް ޔާމީން އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވާނެ" އޭނާ ވިދާޅުވިއެވެ.

އަލީ މުޙައްމަދު ޕީޕީއެމް އަށް ސޮއި ކުރާނެ ކަން އޭނާ ޔަގީންކޮށްދީފައި ވާއިރު އޭނާ ޕީޕީއެމް އަށް ސޮއިކުރަން އުޅޭކަމަށް ބުނެ ރަށުތެރޭގައި ވާހަކަ ދައްކަމުން އަންނަތާ ފުދޭ ވަރަކަށް ދުވަސް ވަނީ ވެފައެވެ. މިގޮތުން ދާދި ފަހުން އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރި ފުޓްސަލް ދަނޑުތައް ހުޅުވައިދިނުމަށް ޓޫރިޒަމް މިނިސްޓަރ އައްޑޫ އަށް ވަޑައިގެން ހެރެތެރެ ރިސޯޓުގައި އަލީ މުހައްމަދު އާއި ވަނީ ބައްދަލުކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި ޕީޕީއެމް އަށް ސޮއި ކުރަން އުޅޭ ވާހަކަ އަޑު އިވިގެން ރޭ އަލީ މުހައްމަދަށް ގުޅުމުން މާލެ އައީ މެއިޑޭ ފާހަގަކުރުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

( އިތުރު ތަފްސީލް އަންނަނީ )