ޗައިނާގައި ތައްޔާރުކޮށް އެކަމަކު އިޓަލީގައި އުފައްދާ ކަމަށް މާކެޓްކޮށް ކާރު ވިއްކާ މައްސަލައަކާ ގުޅިގެން އިޓަލީގެ ކުންފުންޏެއް 6.4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެެވެ.
އިޓަލީގެ ކަމާބެހޭ އިދާރާ އިން ޖޫރިމަނާކުރީ ޑީއާރް އޮޓޯމޮބައިލްސް އެވެ. އެކަމާ ގުޅޭ ގޮތުން ބުނެފައި ވަނީ އެ ކުންފުނިން ވިއްކާ ކާރުތައް މައިގަނޑު ގޮތެއްގައި އުފައްފަނީ ޗައިނާގައި ކަމަށެވެ. އެކަމަކު އެ ތަކެތި ވިއްކަނީ އިޓަލީގެ އުފައްދާ އެއްޗެހި ކަމަށް މާކެޓްކޮށް ކަމަށްވާތީ، އެއީ ވަރަށް ބޮޑު އޮޅުވައިލުމެއް ކަމަށާއި ގަވައިދުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ޑީއާރް އޮޓޯމޮބައިލްސްގެ ޑީއާރާއި އީވޯ ބްރޭންޑްސްގެ ކާރު ވިއްކުމުގައި އޮޅުވައިލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ޖޫރިމަނާއާ ގުޅިގެން އެ ކުންފުނިން ބުނީ ކާރުތަކަކީ ސީދާ އިޓަލީގައި އުފައްދާ އެއްޗެހި ކަމަށް ބުނެ އެއް އިރެއްގައި ވެސް ޕްރޮމޯޓްކޮށް، މާކެޓް ނުކުރާ ކަމަށެވެ. އަދި ކާރަށް ބޭނުންތާ ބައެއް ޕާޓްސް ޗައިނާގައި އުފައްދަމުން އަންނަ ކަމަށް ޑީއާރުން ބުންޏެވެ.
ހެޔޮ އަގެއްގައި ޑީއާރް އޮޓޯމޮބައިލްސް އިން ވިއްކާ ކާރުތަކުގެ މުހިއްމު ބައިތަކަކީ ޗައިނާގެ ކުންފުނިތައް ކަމަށްވާ ޗެރީ އޮޓޯމޮބައިލްސް އާއި ބީއޭއައިސީ އަދި ޖޭއޭސީ މޮޓޯސްގައި އުފައްދާ އެއްޗިއްސެވެ. އެ ކުންފުނީގެ ބްރޭންޑްތަކުގެ ތެރޭގައި ސްޕޯޓެކިޕް، އައިސީއެޗް-އެކްސް އަދި ޓައިގާ ހިމެނެ އެވެ.
ޑީއާރް އޮޓޯމޮބައިލްސް އަކީ 2006 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.