ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާގެ ނިޒާމް އާސަންދަ ސްކީމުން ބޭސްކު ރެވޭ ލިމިޓަށް ބަދަލެއް ނަޔަސް އެހެން ގޮތްގޮތުން އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މަރިޔަމް ޝަފީގް ވިދާޅުވީ އާސަންދަ ސްކީމަށް ބޮޑެތި ބަދަލުތަކެށް ގެނައުމަށް ކަމާގުޅޭ ކޮންސަލްޓެންޓުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ބަދަލުތަށް ގެނެވޭތޯ މަސައްްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ބޭރުގެ ހޮސްޕިޓަލް ތަކަށް ޕެކޭޖް ރޭޓް ތަކެއް ކަނޑައެޅުމުގެ މަސައްކަތް. މީގެ އިތުރުން އާސަންދަ ސްކީމް ގެ ސަބް ލިމިޓް ތަކަށް ބަދަލުތަކެއް އަންނާނެ،" މައިޔަމް ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވީ މި އަހަރު އެންސްޕާ އަަށް ކަނޑައަޅާފައިވާ ބަޖެޓްގެ ދަށުން އާސަންދަ ސްކީމުގެ ޚަރަދުތައް ކުޑަކޮށްގެން ޚަރަދުތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ނިމިގެން މިދިޔަ އަހަރު އާސަންދަ ސްކީމަށް 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް އަހަރު ނިމުނު އިރު ޚަރަދުވެފައި ވަނީ 850 މިލިޔަން ރުފިޔާ ކަމަށް އެންސްޕާ އިން ބުންޏެވެ.
މަރިޔަމް ވިދާޅުވީ ސްކީމަށް ގެންނަ ބަދަލުތައް ގެނައުމުން މި އަހަރު އާސަންދަ ސްކީމަށް ކަނޑައަޅާފައިވާ 650 މިލިޔަން ރުފިޔާއިން ހަމަޖައްސައި ލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން އެންސްޕާ އިން ދޭ ކަރަންޓް ސަބްސިޑީއަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ އެކަނިވެރި މައިންނަށްދޭ ފައިސާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފައިސާގެ އެހީގެ އިތުރުން ވެލްފެއާގެ ހިދުމަތް ފަދަ ޚިދުމަތްތައް މިއަ ހަރުވެސް ކުރިއަށް ދާނެ ކަމަށް އެންސްޕާ އިން ބުނެފައިވެ އެވެ.
އަސަންދަ ސްކީމްގެ ދަށުން ބޭރުގެ ހޮސްޕިޓަލްތަކަަށް ފައިސާ ދެއްކުމުގައި ޑޮލަރުގެ ދަތިކަން ދިމާވުމުގެ ސަބަބުން ބިލްތަށް ޚަލާސް ކުރުމަށް އުނދަގޫތައް ކުރިމަތިވާ ކަމަށާއި ނަމަވެސް މިހާރު 120 ދުވަސް ވެފައިވާ އެއްވެސް ބިލެށް ނުހުންނާނެ ކަމަށް ވެސް އެންސްޕާ އިން ފާހަގަ ކޮށްފައި ވެ އެވެ.