ބަންގްލަދޭޝްގެ ހަރުފަ ވިހެލުމުގެ ހާދިސާތައް އިތުރުވެ އާންމުންގެ ތެރޭގައި ބިރުވެރިކަން ބޮޑުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ހަރުފައިގެ ހަމަލާތައް އެންމެ ބޮޑީ ރަށްފުށުގެ ހިސާބުތަކުގައި ކަމަށާއި ހަރުފަ ވިހައިލައިގެން ފަރުވާ ހޯދަން ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު ވެސް ފަހަކަށް އައިިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ.
މީހުންނަށް ހަރުފަ ދޭ ހަމަލާތައް އިތުރުވަމުންދާ އިރު، ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ޑރ. ސަމަންތާ ލާލު ސެން ވަނީ ހަރުފަ ވިހަލައިފި ނަމަ އަމިއްލަ އަށް ފަރުވާ ހޯދަން ނޫޅެ، ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން އިލްތިމާސް ވެސް ކުރައްވައިފަ އެވެ.
މީޑިއާތަކުން ބުނީ އާންމުންނަށް އެންމެ ބޮޑަށް ބިރު ބޮޑުވެފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި އާންމު ހަރުފައިގެ ބާވަތެއް ކަމަށްވާ ރަސެލްސް ވައިޕާ ކަމަށެވެ. މި ބާވަތުގެ ހަރުފަ އާންމުން ދިރިއުޅޭ ތަންތަނާއި ދަނޑުބިން ފަދަ ތަންތަނުން މިހާރު ވަރަށް ގިނައިން ފެންނަ ކަމަށް އާންމުން ބުނެފައިވެ އެވެ.
ރަސެލްސް ވައިޕާ އަކީ ބަންގްލަދޭޝް އިން 2002 ނެތިގެން ވެސް ގޮސްފައިވާ ބާވަތުގެ ހަރުފައެކެވެ.
މިދިޔަ އަހަރު ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ހަރުފަ ވިހަލައިގެން ބަންގަލަދޭޝްގައި އަހަރަކު 7،000 އެއްހާ މީހުން މަރުވެ އެވެ.