ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ނަޝީދުގެ ބޮޑީ ގާޑުންނަށް ދީނީ ގޮތުން "ރައުޔު" ނެރެދެއްވި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އޭނާގެ ގާތުގައި ވިދާޅުވި ކަމަށް ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ އިސްމެހެލަ ހެރާ ރިސޯޓަކަށް ހެދުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނުވި މުޒާހަރާތައް ކުރިއަށް ދިޔަ ދުވަސްވަރު މުޒާހަރާއެއް ނިންމާލުމަށްފަހު އޭނާއާ ޝައިހް އިމްރާނާއި ސަންދާން އަހަންމައިދީ އައިޖީއެމްއެޗްގެ ކެންޓީނަށް ސައިބޯން ވަޑައިގެންނެވި ކަމަށާއި މުޒާހަރާތަކުން ނަތީޖާއެއް ނިކުންނަމުން ނުދާތީ އިމްރާނަށް އެވާހަކަ ދެންނެވުމުން "ރައީސް ނަޝީދުގެ ހަށިފާރަވެރިންނަށް ކޮންމެ ގޮތެއް ހަދާފައިނަމަވެސް މިކަން ނިންމާލުމަށް ދީނީ ރައުޔު އެރުވި" ކަމަށް އިމްރާން ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ހެޔޮވާނީ ކިހިނެއް. އަޅުގަނޑު ހަމަ ބިރުން ހަލާކުވެއްޖެ. އެދިޔަތަށް ގޮތަށް އަޅުގަނޑު ގެއަށް ވަތް ގޮތަށް ދެ ދުވަސް ވަންދެން އަޅުގަނޑު އޮތީ ގޭގައި. މިއީ އިމްރާން ދެއްކި ވާހަކަ. މިއީ އަޅުގަނޑު ގާތުގައި ދެއްކި ވާހަކަ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އޭނާ މުޒާހަރާ ކުރެއްވި ކަމަށާއި އެކަން ކުރެއްވީ އޭރުގެ ސަރުކާރު ގޯސްވެގެން ކަމަށެވެ. ނަމަވެސް އޭރު ކުރީ ސިފައިންނާ ފުލުހުންނަށް ގެއްލުމެއް ނުދީ ކުރެވުނު ސުލްހަވެރި މުޒާހަރަތަކެއް ކަމަށާއި އެކަމަކު މިހާރު ކުރިއަށްދަނީ އެފަދަ މުޒާހަރާތަކެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.