Last Updated: June 7, 18:41
Sunday, June 7, 2026
ސިޔާސީ

ޝާހިދު ދެއްކެވި ވާހަކަތައް އިމްރާން ދޮގުކުރައްވައިފި

އެއްވެސް މީހަކު މަރާލުމަށް އެއްވެސް އިރަކު ފަތުވާއެއް އަދި ރައުޔެއް ދީފައި ނުވާނެ ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ނަޝީދުގެ ބޮޑީ ގާޑުންނަށް ދީނީ ގޮތުން "ރައުޔު" ނެރެދެއްވި ކަމަށް ބުނެ ސ.ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު މިރޭ ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތައް ދޮގުކުރައްވަމުން ރޭ 'ވީނިއުސް' އަށް ވިދާޅުވެފައިވާ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ކަމުގައިވިޔަސް އަދި އެހެން ބޭފުޅަކު ކަމުގައިވިޔަސް އެއްވެސް މީހަކު މެރުމަށް އެއްވެސް އިރަކު ފަތުވާ ދީފައި ނުވާނެ ކަމަށެވެ.

"ރައީސް ނަޝީދު ވިޔަސް އަދި އެހެން މީހަކު ވިޔަސް މަރާލުމަށް ފަތުވާއެއް ދީފައި ނޯންނާނެ ކަމަށް ﷲ ގަންދީ ހުވާކޮށްފައި އަޅުގަނޑު ބުނަން،" އިމްރާން ވިދާޅުވި ކަމަށް 'ވީ މީޑިޔާގައި' ރިޕޯޓް ކޮށްފައިވެއެވެ.

އިމްރާން ވިދާޅުވީ މުހައްމަދު ޝާހިދު ކިޔާ ބޭފުޅަކު އޭނާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކައެއް ދެއްކެވިއިރު ޝާހިދަކީ އޭނާ ދަންނަވެސް ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން އޭނާއާ ދުވަހަކު ބައްދަލުވި ހަނދާންވެސް ނުވާ ކަމަށެވެ.

"ދެން ފަހަރެއްގައި ބަޔަކާއެކު މޭޒެއްގެ ކައިރީގައި އަޅުގަނޑު ނުދަންނަ މީހަކުވެސް ސައިބޯން އިނދެދާނެ. އެކަމަކު އަދި އަމުދުން، އަމުދުން ނުދަންނަ މީހަކު ހުރެއްޖިއްޔަކާ އެއްޗެކެވޭސް ނުބުނާނެތާ، ދެއްތޯ؟،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ޝާހިދު ކަހަލަ ނުދަންނަ ކުޑަކުދިން ދައްކާ ވާހަކަތަކަށް އޭނާ ރައްދުދޭންވެސް ބޭނުން ނުވާ ކަމަށެވެ.